ޚަބަރު
ހިޔާ އެގްރީމެންޓުގައި ސޮއިކުރުން އީދު ބަންދަށްފަހު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއި ކުރުން އީދު ބަންދަށް ފަހު އަނެއްކާވެސް ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މި މަހު 14 ވަނަ ދުވަހު ހިޔާ ފްލެޓް ތަށް ލިބުނު މީހުން އެގްރިމެންޓުގައި ސޮއި ކުރަން ފެށި އިރު އެދުވަހު އެކަނި ވެސް ވަނީ 118 މީހަކާއި ފްލެޓް އެގްރީމެންޓް ހަވާލުކޮށްފައެވެ. އެ ދުވަހު ފްލެޓް ހަވާލު ކޮށްފައިވަނީ ޓަވަރު އެޗް9 ކެޓެގަރީގެ ފްލެޓު ލިބުނު މީހުންނަށެވެ.

މި މަހު 24 ވަނަ ދުވަހު ވެސް އެގްރިމެންޓުގައި ސޮއި ކުރުން ކުރިޔަށް ގެންދާނެ ކަމަށް އެޗްޑީީސީ އިން ބުނި ކަމުގައި ވިޔަސް އަލުން ސޮއި ކުރުން ފެށެނީ އީދު ބަންދު ނިމުމަށް ފަހު ކަމަށް އެޗްޑީސީ އިން ބުނެއެވެ.

އެންމެ ފަހުން ސޮއި ކުރަން ހަމަޖެހިފައި ވަނީ ޓަވަރު އެޗް3 ކެޓެގަރީގެ ފްލެޓު ލިބުނު މީހުންނާއެކުގައެވެ. މިމީހުންނާއި އެކު ވެސް އަންނަ މަހު 16 ގަައި ސޮއި ކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީ އިން މައުލޫމާތު ދެއެވެ.