ރަޝިޔާގެ ޤައުމީ އެއާލައިން އެއަރޯފްލޮޓުގެ ބައިނަލްއަގުވާމީ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އެއަރޯފްލޮޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާރޗް 8ވަނަ ދުވަހުން ފެށިގެން ރަޝިޔާއާއި އިންވެގެން އޮންނަ ބެލަރޫސް ފިޔަވާ އެހެން ޤައުމުތަކަށް އެ އެއާލައިނުން ކުރާ ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވާ ކަމަށާއި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ ސަބަބުން އެ އެއާލައިންގެ ދަތުރުތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ރަޝިޔާއިން ޔުކްރެއިނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ ޤައުމުތަކުން ދަނީ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ގިނަ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ރަޝިޔާގެ އެއާލައިންތަކަށް ވަނީ ބަންދުކޮށްފައެވެ.
އެ އެއާރލައިންގެ ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލަން ނިންމި ނަމަވެސް ރަޝިޔާގެ އެތެރޭގެ އުދުހުންތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށްވެސް އެއަރޯފްލޮޓުން ވަނީ ބުނެފައެވެ.
ރަޝިޔާގެ އެއަރޯފްލޮޓުގެ ބައިނަލްއަގްވާމީ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާއިރު، ރަޝިޔާ އަކީ އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ އެއް ގައުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.