އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަހެރިކޮށް ޕާޓީ ހިސޯރުކުރުމަށް ދުރާލާ ރާވައިގެން ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑު) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ” ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މޯޑު ވިދާޅުވީ ޕާޓީ އެތެރޭގެ އިންތިހާބާއި ދިމާކޮށް ބަޔަކު ރޭވުންތަކެއް ރާވަމުންދާ ކަމަށާއި އެމްޑީޕީގެ އާންމު މެންބަރުންނަށް ވަޒީފާގެ ބިރު ދެއްކުން ތަޖުރިބާ ކުރަން ޖެހުނު ކަމަށެވެ. އަދި ޕާޓީ ހިސޯރު ކުރުމުގެ ވިސްނުމުގައި ދުރާލާ ރާވައިގެން ބަޔަކު މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް މޯޑްވަނީ ވިދާޅުވެފައެވެ.
މޯޑް ވިދާޅުވީ ޕާޓީތެރޭ ހިނގާ މިފަދަ ނޭދެވޭ އަމަލުތަކުގެ ވާހަކަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައާއި، ވަޒީރުންގެ އަރިހުގައާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސް ބޭފުޅުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި ވެސް ދެންނެވިކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެކަން އިސްލާހު ނުކުރި ކަމަށް މޯޑްވަނީ ފާހަނގަކޮށްފައެވެ.
މޯޑް ދެކޭގޮތުގައި އެކަން އިސްލާހުކުރަން ސަރުކާރުން ބޭނުނެ ނުވެއެވެ. ސަބަބަކީ ވަކިބަޔަކު އެކަހެރިކޮށް ޕާޓީ ހިސޯރުކުރަން މަސައްކަތްކުރަމުންދާ ބަޔަކު އުޅޭތީއެވެ. އެބޭފުޅުން ބޭނުންވަނީ ރައީސް ނަޝީދު އެކަހެރިކޮށް ބާކީކޮށްލުން ކަމަށާއި އެ ކަމަށް ދުރާލާ ރޭވިގެން މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް މޯޑްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
“އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް ވަކި ގޮތަކަށް ބައްޓަން ކުރުމަށް ފަހު މި އަންނަނީ ޗެއާޕާސަންގެ އިންތޚާބު، މި އިންތިޚާބުގައި މިހާ ނުފޫޒު މި ފޯރުވަނީ ހަމަ ޕާޓީ ދަމައިގަންނަން، ރައީސް މުހައްމަދު ނަޝީދު އެކަހެރި ކުރަން،” މޯޑު ވިދާޅުވިއެވެ.
މޯޑް އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނުމުންވެސް އެކަންތައް ޕާޓީތެރެއިން އަޅާނުލާ ދޫކޮށްލައިގެން ތިބި އެތައް ބަޔަކު ތިބި ކަމަށާއި ޕާޓީގައި ނަޝީދުގެ ނުފޫޒު އޮތް ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ދެ ފެކްޝަނުން ވެސް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރެއެވެ. ނަޝީދުގެ ފެކްޝަނުން ވާދަކުރައްވަނީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. ރައީސް ސޯލިހްގެ ފެކްޝަނުން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.