ރަޝިޔާއިން އިސްނަގައިގެން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ރަޝިޔާގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.
ރަޝިއާގެ އޮތޯރިޓީތަކުން ފޯރުކޮށްދިން މައުލޫމާތުތަކާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ރަޝިޔާގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މުޒާހަރާގައި 3،500 މީހުން ހައްޔަރު ކޮށްފައިވެއެވެ.
އެގޮތުން ބަލާއިރު މޮސްކޯއިން 1،700 މީހުން، ސެއިންޓް ޕީޓަރސްބާރގްއިން 750 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ރަޝިއާގެ އެހެން ހިސާބުތަކުން ވަނީ 1،061 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ރަޝިއާގައި ހިނގާ މުޒާހިރާތަކުގެ މައުލޫމާތު ބަލަހައްޓާ އޯވީޑީ- އިންފޯ ޕްރޮޓެސްޓް މޮނިޓަރިން ގުރޫޕުން ހާމަކޮށްފައިވާ ގޮތުގައި، މުޒާހިރާތަކުގައި 49 ސިޓީއަކުން 2،578 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ގުރޫޕުންވަނީ ރެކޯޑު ކޮށްފައެވެ.
ރައްޔިތުން ހަނގުރާމަ އާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާތީ ރަޝިޔާގެ ފުލުހުންދަނީ އަނިޔާވެރި ގޮތަށް މުޒާހަރާތައް ރޫޅާލާ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަމުންނެވެ. އެހެންނަމަވެސް ހުއްޓާލުމެއްނެތި ރަޝިޔާގެ ރައްޔިތުންދަނީ ހަނގުރާމައަށް ނޫނެކޭ ބުނަމުންނެވެ.
ރަޝިޔާއިން ފަށާފައިވާ ހަނގުރާމަ އާ ބެހޭގޮތުން ދޮގުމައުލޫމާތު ފޯރުކޮށްދޭނަމަ ޖަލުހުކުމެއް އަންނަ ވަރުގެ އަދަބެއް ރަޝިއާގެ ގާނޫނުހަދާ މަޖިލިސް، ޑޫމާއިން ވަނީ މިދިޔަ ހަފްތާގައި ވަނީ ޤާނޫނެއް ފާސްކޮށްފައެވެ.
އެހެންކަމުން ބީބީސީ އަދި ސީއެންއެން ފަދަ ބޮޑެތި މީޑީޔާތަކުން ވަނީ ރަޝިޔާ ބްރޯޑްކާސްޓު ކުރުން ހުއްޓާލާފައެވެ. އަދި ރަޝިޔާގެ ޓީވީ ޗެނަލަކުން ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭއިރު ޔުކްރެއިނާ އެއްކޮޅަށް ޚަބަރު ގެންނަ ކަމަށް ބުނެ އެޗެނަލް ވަނީ މުއްދަތެއް ނެތް ގޮތަކަށް ސަސްޕެންޑްކޮށްފައެވެ.
ޗެނަލް ސަސްޕެންޑްކުރުމާއި ގުޅިގެން އެޓީވީ ޗެނަލްގެ ހުރިހާ މުވައްޒަފުން ވަނީ ލައިވް ޕްރޮގްރާމަކަށް އަރައި ތިބެ އޮންއެއަރގައި އިސްތިއުފާ ދެއްވާފައެވެ. އަދި ރަޝިޔާއިން ކުރާ ހަނގުރާމައަށް ނޫނެކޭ ބުނެފައެވެ.