ޚަބަރު
ޓްރާންޕޯޓު ހަމަޖެހުނުހާ އަވަހަކަށް ނަޑެއްލާ އަށް އެމްބިއުލާންސެއް ފޮނުވޭނެ : މެމްބަރ

ގދ.ނަޑެއްލާ އަށް އެމްބިއުލާންސެއް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތެއް ކޮށް ނިމިފަ ހުރިކަމަށާއި، ޓްރާންސްޕޯޓު ހަމަޖެހުނުހާ އަވަހަކަށް އެމްބިއުލާންސް ނަޑެއްލާއަށް ފޮނުވޭނެ ކަމަށް މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރ ހުސައިން ފިރުޝާން ވިދާޅުވެޖެއެވެ.

“ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން މެމްބަރ ފިރުޝާން ވިދާޅުވީ، އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ތެރޭގައި ނަޑެއްލާއަށް އެމްބިއުލާންސް އެއް ލިބޭގޮތަށް ވަނީ ހަމަޖެހިފަކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތް ލަސްވަމުން ދާތީ މިވަގުތު މިނިސްޓްރީ އާއި ވާހަކަ ދައްކާއިގެން ނަޑެއްލާއަށް ފޮނުވުމަށް އެމްބިއުލާންސް އެއް މިވަގުތު ތައްޔާރު ކުރެވިފައި އޮތްކަމަށްވެސް ދާއިރާގެ މެމްބަރ ފިރުޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޝާން ވިދާޅުވީ، މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ އެމްބިއުލާންސް ނަޑެއްލާއަށް ފޮނުވާލެވޭނެ ގޮތެއް ހޯދުމުގައި ކަމަށާއި، ޓްރާންސްޕޯޓް ހަމަޖެހުނުހާ އަވަހަށް ނަޑެއްލާއަށް އެމްބިއުލާންސް ފޮނުވާލެވޭނެ ކަމަށްވެސް މެމްބަރ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ޙާލަތު އިންތިހާޔަށް ގޯސްވެ މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާ ނަޑެއްލާ ސިއްހީމަރުކަޒުގައި އެމްބިއުލާންސެއް ނެތުމުން އާންމު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. ނަޑެއްލާގައި އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާތާ މިހާރު 2 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި ނަޑެއްލާއަށް އެމްބިއުލާންސެއް ގެނައުމުގެ މަސައްކަތް ދާއިރާގެ މެމްބަރ ގެ އިތުރުން ކައުންސިލުންވެސް މަސައްކަތް ކޮށްފައިވާކަން ފާހަނގަ ކޮށްލަމެވެ.

Comment