އައްޑޫ ސިޓީގައި ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނުހުއްޓުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ފަށަން ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއު ނުފެށި ލަސްވަމުންދާތީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްގެން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މިމަޝްރޫޢު އާ ބެހޭ ގޮތުން މިނިސްޓަރާއި ސުވާލުކޮށްފައެވެ.
މެމްބަރުގެ ސުވާލަށް ޖަވާބުދާރީވަމުން ޝައުނާ ވިދާޅުވީ މިސަރުކާރުން އަދި މިނިސްޓްރީއިން އެއްވެސް ގޮތަކަށް އައްޑޫގެ ތަރައްޤީއަށް ހުރަސް ނާޅާނެ ކަމަށާއި އައްޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި، ބިމުގެ ދަތިކަމަކީ މިސަރުކާރަށް ވަރަށް ރަނގަޅަށް އެގޭ ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށެވެ.
ޝައުނާ ވިދާޅުވި ގޮތުގައި މަޝްރޫޢޫތައް ކުރިޔަށް ގެންދާއިރު އެއާ އެއް މިންވަރަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެދާނެ ގޮތަކާ މެދު ވެސް ވިސްނަން ޖެހެއެވެ. އަދި ހަމައެއާއެކު އައްޑޫގެ ރީތިކަމާއި އައްޑޫގެ ވެއްޓާއި، އައްޑޫގެ މާހައުލީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ރައްކާ ކުރެވޭނެ ނިޒާމަކަށް އިސްކަންދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު އާ ބެހޭ ގޮތުން ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މިކަމުގައި އީއައިއޭގެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ވަރަށް އަވަހަށް ގޮތްތަކެއް ނިންމާވާނެކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.