ޖަރާސީމު ހުރި ފެނެއް ބާޒާރަށް ނެރެގެން ނުވިއްކާ ކަމަށް “ތާޒާ” ބްރޭންޑްގެ ފެން ވިއްކާ އެމްޑަބްލިއުސްސީން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީގެ ފެން ރައްކާކުރާ ތާނގީއެެއްގެ ތެރެއަށް މަރުވެފައިވާ ކާޅެއް ވެއްޓި، ފެން ތަޢައްޔަރުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރޭ ދައުރުވަމުން ދިޔަ ވާހަކަތަކާ ގުޅިގެން އެކުންފުނިން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.
އެބަޔާނުގައި ބުނީ ތާޒާ ފުޅީގެ ކޮންމެ ބެޗެއްވެސް ބާޒާރަށް ނެރެނީ މޯލްޑިވްސް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)އާއި ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީގެ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކޮސް ބެލުމަށްފަހުގައެވެ.
އަދި ކޮލިޓީ ކަށަވަރުކުކޮށް ތާޒާ ބްރޭންޑުގެ ފެނުގެ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައިނުވާނެކަން އެކުންފުނިން ވަނީ ޔަގީކޮށްފައެވެ.
އެކުންފުނިން ބުނީ ތާޒާ ފެނަކީ އޭގެ ކޮލިޓީ ޔަގީންކުރުމުގެ ގޮތުން ފުޅީގައި ފެން ބަންދުކުރުމުގެ މަރުހަލާތަކުގައި ގަޑިއަކު އެއްފަހަރު ހަދަންޖެހޭ އެންމެހައި ޓެސްޓުތައްހަދައި ފެން އުފެއްދުމަށްފަހު އިތުރު ތަހުލީލުތައް ކުރުމަށްޓަކައި މާކެޓަށް ނުނެރި 24 ގަޑިއިތު ބަހައްޓައި ގިނަ ތަހުލީލުތައްކުރާ ފެނެއް ކަމަށެވެ.
“ތާޒާ” ފެނުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ވާހަކަތަކާ ގުޅިގެން އާންމުންގެ ތެރޭގައި މިހާރު ވަނީ ކަންބޮޑުވުން އުފެދިފައެވެ.