ލޮބުވެތި ކަމަނާއެވެ. މި ދުނިޔެއަށް ތިބާ އުފަންވުމުގެ ކުރިން ތިބާއަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދީ ހެޔޮލަފާ ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމައްޓަކައި މި އިސްލާމް ދީނުގައި ތިބާގެ ބައްޕައަށް ވަނީ ސޯލިހް މަންމައެއް ހޯދުމަށް ބާރުއަޅާފައެވެ. އަދި ތިބާގެ މަންމަގެ ވަލީވެރިންނަށް ހެޔޮލަފާ ސޯލިހް ފިރިހެނެއް މެނުވީ ހޯދައި ނުދިނުމަށް ވަނީ ބާރުއަޅާފައެވެ. އެއީ ތިބާއަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމައްޓަކައެވެ.
އެއަށްފަހު ތިބާ ދުނިޔެއަށް އައުމުން ތިބާއަށްޓައި އުފާކޮށް އިއްފަތްތެރިކަމާއެކު ތިބާ ބޮޑުކުރުމާއި ތިބާގެ ހުރިހާ ހަރަދެއް ބެލެހެއްޓުމަށް ތިބާގެ ބައްޕައަށް އަމުރުކުރެއްވިއެވެ. އަދި ތިބާ ތަރުބިއްޔަތުގައި ފަރުވާކުޑަ ނުކުރުމަށް ބާރުއެޅުމުގެ ގޮތުން ތިބާ ރަނގަޅަށް ތަރުބިއްޔަތުކޮށް އިއްފަތްތެރިކަމާއެކު ހެޔޮލަފާ މީހަކާ ކައިވެނި ކުރުވައިފިކަމުގައި ވަނީނަމަ އެއަށްވުރެ ހިތްހަމަޖެހިގެންވާ ބައްޕައަކު ވާނެ ހެއްޔެވެ؟ ހަމަ އެހެންމެ ދުނިޔޭގެ ކެހިވެރި މަޅިތަކުން ސަލާމަތް ކުރުމަށް ގުރުބާނީތަކެއް ވާން އެ ބައްޕައަށް ވާޖިބެވެ. ހަމަ މާތް ތަރުބިއްޔަތެއްގެ ނިވަލުން ތިބާ ބޮޑުކުރުމަށެވެ.
އަދި މިވަރުން ފުއްދާލީއެއް ނޫނެވެ. ތިބާގެ ފިރިމީހާ އަށް ތިބާއަށް އިޙްސާންތެރިވުމަށާއި އަނިޔާވެރިނުވުމަށް އަމުރު ކުރެއްވިއެވެ. ލޯތްބާއި އަޅާލުން ދިނުމަށް ބާރުއަޅައެވެ. ތިިބާއީ ދިރިއުޅުމުގައި ނޯކަރީއެއް ކަމުގައި ނުދެކި ތިބާ އަށް އެހީތެރިވުމަށް ބާރުއަޅައެވެ. އަދި ތިބާގެ މަޤާމާއި ތިބާގެ ޤަދަރާއި އަޖުރު ބަޔާންކޮށް ކަށަވަރު ކޮއްދެއްވިއެވެ.
އަދިވެސް މިވަރުން ފުއްދާލީއެއް ނޫނެވެ. ތިބާގެ ދަރިންނަށް ތިބާއަށް ކިޔަމަންވުމަށާއި އޯގާތެރިވުމަށް އަމުރުކުރެއްވިއެވެ. ނުވަ މަސްދުވަހު ވޭން އެޅި މައިކަމަނާގެ ހައިސިއްޔަތުންނެވެ.
ކޮންމެއަކަސް މި ދީނުން ތިބާ އަށް ކުރަހައިދެނީ “ހުރިހާ ދުވަހަކީވެސް ވުމަންސް ޑޭއެއް ކަމެވެ.” ތިބާގެ އަގު ކިތަންމެހާވެސް ބޮޑެވެ..
އެހެނަސް ދެއްކެވި މާތް އަލިމަގުގައި ބޭނުން ހެޔޮ ގޮތުގައި ހިފުން މުހިންމެވެ. އިއްފަތްތެރިކަމާއި ނިޔަނެތި ކަމާއި އަބުރުގެ ޒީނަތުން ޒީނަަތްވުން މުހިންމެވެ.