ކުޑަކުއްޖަކު ގޮވައިގެން ސައިކަލަކުން ދިޔަ ސިފައިންގެ މީހަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނު މަދަރުސާ ކައިރިން ސައިކަލެއްގައި ދަނިކޮށް ސިފައިންގެ މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު 13:19 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މިމައްސަލައިގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަންޒަރުދުށް މީހުން ބުނާ ގޮތުގައި މިއަދު މެންދުރު ސިފައިންގެ މީހަކު ކުޑަކުއްޖަކު ގޮވައިގެން ސައިކަލުގައި ދަނިކޮށް، ދިވެހި ފިރިހެނަކު އައިސް ސައިކަލުގެ ކުރިމައްޗަށް އަރައި ސައިކަލް ހުއްޓުވިއެވެ. އަދި އޭނަގެ އަތުގައި އޮތް ތުނި ލަކުޑި ފަތިގަނޑަކުން ސިފައިންގެ މީހާ އަށް ވަނީ ހަމަލާ ދީފައެވެ. އަދި އެމީހާގެ އަތުންވވެސް ސިފައިންގެ މީހާ ގައިގައި ޖަހާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާގައި ސައިކަލު ދުއްވަން އިން ސިފައިންގެ މީހާއަށާއި، ފަހަތުގައި އިން ކުޑަކުއްޖާއަށް ސީރިޔަސް އަނިޔާއެއް ލިބިފައިނުވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންތައްތައް ބަލައި މައްސަލަ ތަހުޤީގުކުރަމުންނެވެ.