އޮންލައިން ޓްރޭޑް ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ނޫން ކަމަށާއި މީޑިޔާތަކުގައި ކުންފުނި ބަދުނާމްވާ ގޮތަށް ޚަބަރު ފަތުރާތީ އެކަމާ ދައުވާ ކުރާނެ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާންގެ ކުންފުންޏަކީ ބޮޑު ފްރޯޑެއް ކަމަށް ބުނެ އެކުންފުނީގެ އެކައުންޓް ވަނީ ފްރީޒް ކުރެވިފައެވެ. އެމްއެމްއޭއިން ނެރެފައިވާ ނޫސްބަޔާނަށް އަމާޒުކޮށް އަލްހާން ވިދާޅުވީ ޒަމާނީ ވިޔަފާރި ނޭނގޭ ބަޔަކު ޤައުމުގެ ބޮޑެތި މުއައްސަސާތަކަ ހަވާލުވެ، ނުފޯރާ ފޮތިން ފޫގަޅަނީ ކަމަށާއި އޮންލައިން ޓްރޭޑް ކުރުމަކީ ޤާނޫނީ ކުށެއް ނޫން ކަމަށެވެ.
އަލްހާން ފަހުމީގެ “ކިންގްސް ފޮރެކްސް ޓްރޭޑިން”ގެ ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓު ފްރީޒްކުރަން ޖެހުނު ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނަނީ ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ އެކުންފުނިން މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދާތީ ކަމަށެވެ. ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އިންވެސްޓުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދޭނެ ކަމަށް ބުނެ ހިންގާ ބޮޑު ސްކީމެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އަލްހާންގެ ކުންފުނިން ބުނާގޮތުގައި މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެކުންފުންޏަށް އަމާޒުކޮށް އެކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، އެކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ ގުޑްވިލް ހަލާކުކޮށްލާ، އަގުވައްޓާލައި، އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާނެއްކަމަށެވެ. އަދި މީޑިޔާތަކުން އެކުންފުނި ބަދުނާމްވާ ގޮތަށް ޚަބަރުތައް ގެނެސްދޭތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
އެމްއެމްއޭއިން ރޭ ނެރުނު ބަޔާނުގައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ޢާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސްބުކާއި ޓެލެގްރާމްފަދަ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބެމުން އަންނަކަމަށެވެ.
މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، ޢާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.