މިދިޔަ ފެބްރުއަރީ 22 ވަނަ ދުވަހު އިންޑިޔާގެ އަންހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކުރި މައްސަލައިގައި އޭނަގެ ފިރިމީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އިންޑިއާ ރައްޔިތެއްކަމަށްވާ ޢުމުރުން 37 އަހަރުގެ ސްރިނިވަސަން ސުބްރަމަނި، މާލޭ ގެއެއްގެ ތެރޭގައި، އޭނާގެ އަނބިމީހާއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްފައިވާ ކަމަށާއި އޭނާގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. އަދި މިމަހު 10 ވަނަ ދުވަހު މިމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.
އޭނާ މިހާރު ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައެވެ.
މިދިޔަ މަހުގެ 2 ވަނަ ދުވަހު ވަޅިން ހަމަލާދީ ޒަޚާމްކޮށްލުމާއި ގުޅިގެން އެ އަންހެން މީހާއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފައެވެ. މި ޙާދިސާގައި އަނިޔާ ލިބުނީ އުމުރުން 26 އަހަރުގެ އިންޑިއާ އަންހެނަކަށެވެ.
ފުލުހުންގެ އެހީއާއެކު އަންހެން މީހާ ގެއިން ނެރެ، ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. މި ވީޑިއޯއިން ފެންނަ މަންޒަރުގައިވެސް އަންހެން މީހާ ލައިގެން ހުރި ހެދުން ލެއިން ފޯވެފައިވާ މަންޒަރު ފެނެއެވެ. އަދި އޭނާއަށް ރަނގަޅަށް ނުވެސް ހިނގެއެވެ.