ގދ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަށް ދުވަސްނުފުރާ ވިހެއި އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއްކުއްޖަކު ނިޔާވެއްޖެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޑރ އޭއެސްއެމްއެޗް އިން ބުނީ، މިއަދު އެހޮސްޕިޓަލަށް ގެނައި މާބަނޑު އަންހެނަކު އެއްމާބަނޑު ދެކުދިން ވިހެއުމުގެ ތެރޭގައި އެއް ކުއްޖަކު ނިޔާވެފައިވާ ކަމަށާއި، ވިހާފައިވަނީ، 7 މަހުގައި ކަމަށެވެ.
ދެކުދިންގެ ތެރެއިން ފުރަތަމަ ވިހެއި ކުއްޖާގެ ހާލުވެސް ވަރަށް ދަށްކަމަށާއި، އިމަރޖެންސީގައި މިހާރުގެންދަނީ ފަރުވާދެމުން ކަމަށްވެސް އެހޮސްޕިޓަލްއިން މައުލޫމާތު ދެއްވިއެވެ. އަދި މިހާރު މަސައްކަތް ކުރަމުންގެންދަނީ އިތުރު ފަރުވާއަށް ވީއެންމެ އަވަހަކަށް މާލެ ފޮނުވުމުގެ މަސައްކަތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއީ ގދ ތިނަދޫއަށް ނިސްބަތްވާ ފިރިހެނަކާއި މަޑަވެލި އަށް ނިސްބަތްވާ އަންހެނަކަށް ލިބުނު އެއްމާބަނޑު ދެކުދިންނެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޑޮކްޓަރުންގެ މަދުކަމާއި، ވަސީލަތްތަކުގެ މައްސަލަ އަކީ އަބަދުވެސް ގިނަ ބަޔަކު ދައްކަމުންދާ ވާހަކައެކެެވެ.