ޓޫރިޒަމް މިނިސްޓްރީގެ ރަން އަހަރު ފާހަނގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޯގްރަފިކް އަދި މޯލްޑިވްސް އެލަޔަންސް ފޯ ޑައިވް އޮޕަރޭޓާސް (މޯޑޯ) ގުޅިގެން ބައިނަލް އަޤުވާމީ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި ޑައިވިން ހަރަކާތަކާ އެކު އަންނަ ސެޕްޓެމްބަރ މަހު 29 ވަނަ ދުވަހު ހެނދުނު 7:30ން ހަވީރު 5:30އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ އެންމެ ރަނގަޅު 50 ޑައިވިން ޕޮއިންޓަކަށް އެއްފަހަރާ ޑައިވްކޮށް ފޮޓޯ ނެގުން ކުރިޔަށް ގެންދެވޭނެއެވެ.
މުބާރާތުގެ ވަނަތައް އިއުލާން ކުރާނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގައެވެ. އެ މުބާރާތުގެ ފޮޓޯތައް ޖަޖް ކުރާނީ ދިވެހިންނާއި ބިދޭސީން ހިމެނޭ ޖަޖުންގެ ޕެނަލަކުންނެވެ.
މިމުބާރާތުގައި ނަގާ ފޮޓޯތައް އަންނަ އަހަރު ޖެނުއަރީމަހު އޮންނަ އަންޑަވޯޓާ އެގްޒަބިޝަނުގައި ހިމަނާއިރު އެ ފޮޓޯގްރަފަރަށް ފުރިހަމަ ކްރެޑިޓްސް ދޭނެ ކަމަށާއި މުބާރާތުގައި ނަގާ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި ތިން ފޮޓޯ އެ ޑައިވްއަށް ހާއްސަ ފޮތުގައި ހިމަނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވިދާޅުވިއެވެ. އަންޑަވޯޓާ އެގްޒަބިޝަނުގައި 150 ފޮޓޯ ހިމަނާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ރާއްޖޭގެ ފޮޓޯގްރާފަރުންނަށް ހިލޭ ބައިވެރިވެވޭއިރު ބޭރުގެ ފޮޓޯގްރަފަރުން މުބާރާތުގައި ބައިވެރިވާން 10 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެއެވެ. އަދި އެ ހަރަކާތުގައި ޑައިވް ސެންޓަރުތަކާއި ރިސޯޓުތަކާއި ލިވަބޯޑްތަކުން ބައިވެރިވޭނީ ފީގެ ގޮތުގައި 85 ޑޮލަރު ދައްކައިގެންނެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި ހަރަކާތް ބާއްވަން ރާއްޖޭގެ އެންމެ ރީތި 50 ޑައިވް ސައިޓް ހޮވާނީ ނޮމިނޭޓް ކޮށްގެންނެވެ. ކޮންމެ އަތޮޅަކުން އެ އަތޮޅެއްގެ ކައުންސިލުން ޑައިވް ސައިޓެއް ނޮމިނޭޓް ކުރާއިރު ކޮންމެ ރިސޯޓަކުން ތިން ސައިޓް ނޮމިނޭޓް ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ބާކީ ސައިޓްތައް ނޮމިނޭޓްކުރާނީ އިވެންޓުގެ ސްޕޮންސަރުންނެވެ.
މިހަރަކާތް ކުރިޔަށް ގެންދާ ދުވަހު ބައިވެރިންނަށް ހަދިޔާ ތަކެއް ލިބިގެންދާނެއެވެ. އެގޮތުން އެ ދުވަހު ރާއްޖޭގައި 50 ވަނަ ޑައިވް ކުރާ މީހުންނަށް ޕަޑީ އާއި އެސްއެސްއައިގެ ކާޑެއް ލިބިގެންދާނެއެވެ. އަދި އެ ދުވަހު 50 ވަނަ އަހަރު ފުރޭ މީހުންނަށް ޑައިވް އޮޕަރޭޓަރުންގެ ފަރާތުން ހަދިޔާ ލިބޭނެއެވެ.