ރަޝިޔާ-ޔޫކްރޭންގެ ހަނގުރާމަ ފެށިަފއިވާއިރު، ޔޫކްރޭން ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ ނޫސްވެރިއަކު މަރާލާފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ބްރެންޓް ރެނޯޑް،50، މަރާލާފައިވާކަން ހާމަކޮށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، އޭނާ މަރާލާފައިވަނީ ޔޫކްރޭންގެ ވެރިރަށް ކިއޭވްގެ ބޭރުން އޮންނަ އިރްޕިން އަވަށުގައެވެ. އޭނާ ޔޫކްރޭންގައި ހަރަކާތްތެރިވަމުން ދިޔައީ “ޓައިމް”ގެ ނޫސްވެރިއެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ފިލްމު އުފެއްދުމާއި ނޫސްވެރި ކަމުގެ ދާއިރާއިން އެވޯޑް ހާސިލު ކޮށްފައި ވާ ރެނޯޑް މަރާލާފައިވަނީ ރަޝިޔާ ސިަފއިން ދިން ބަޑީގެ ޙަމަލާތަކެއްގައި ކަމަށް ކިއޭވް ފުލުހުންގެ އިސްވެރިޔާ އެންޑްރީ ނެބީޓޯވް އާ ހަވާލާދީ، ބީބީސީއިން ރިޕޯޓް ކޮށްފައިވެއެވެ.
މި ހަމަލާތަކުގައި އިތުރު 2 ނޫސްވެރިއަކު ޒަހަމްވެފައި ވާ ކަމަށާއި، އެ ދެ ނޫސްވެރިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ޚަބަރު ލިބެއެވެ.