އދގެ ސެކްރެޓަރީ ޖެނެރަލްކަން ދެން އަންނަ ދައުރަކަށް އަންހެނަކު ހޮވުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިކަމަށް ގޮވާލެއްވީ އދގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އދގެ 76 އަހަރުވީ ތާރީހުގައި އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވީ 4 އަންހެނުން ކަމަށާއި، ސެކްރެޓަރީ ޖެނެރަލްކަން އެއްވެސް އަންހެނަކު އިންތިޚާބުކޮށްފައިނުވާ ކަމަށެވެ.
މިކަމަކީ ބަދަލުކުރަން ޖެހޭކަމެއްކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ، މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ “ގޯލްޑް ސްޓޭންޑާޑް” ކަނޑައެޅުމުގެ ވާހަކަ އދ އިން ދައްކާއިރު، އެކަމުގެ މިސާލު އދ ގައި ނުދައްކާ ނުތިބެވޭނެ ކަމަށެވެ.
ޝާހިދު ވަނީ މިކަމުގައި ހުރިހާ ޤައުމަކުންވެސް އިސް ނަންގަވައި، ދެން އަންނަ ދައުރަކަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ހޮވުމަށް ބާރު އަޅުއްވާނެކަމަށާއި، އެކަމުގައި އދގެ މެމްބަރު ގައުމުތަކުން އެމަނިކުފާނާ ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.