ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެންގުޅެނީ އިންސާފެއް ނެތް ފޯމިއުލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އެއްވެސް އިންސާފެއް ނެތް ފޯމިއުލާއެއް ކަމަށާއި އެއް ބަޔަކަށް ހިލޭ ގޯތި ދެވޭއިރު ދެން ތިބި ބަޔަކަށް ގޯތި ވިއްކަނީ ކަމަށެވެ. އަދި ބައެއް ފަރާތްތަކަށް ދެވެނީ ކުލި ދައްކަން ޖެހޭ ގޮތަކަށް ފްލެޓް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ޑީއާރުޕީގެ ވެރިކަމެއްގައި އެއްލައްކަ ގޯތި ހިލޭ ބަހާނެ ކަމަށާއި ގޯތި ދިނުމުގައި އޭނާގެ ތަރިކަ މުދަލާއި ރަށަށް ބެލެވިގެން ނުވާނެ ކަމަށެވެ. ޖާބިރު ވިދާޅުވާ ގޮތުގައި އެއް ލައްކަ ގޯތި ކަނޑާފައި ބެހުމަކީ ދައުލަތަށް ކުރެވެން ޖެހޭނެ ވަރުގެ ކަމެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރުވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މިމައްސަލައިގައި ހުރިހާ ދިވެހި ރައްޔިތުންނަށް އެއް ލައްކަ ގޯތި ދިނުމަށް ޖާބިރުވަނީ ގޮވާލާފައެވެ. އެހެންނަމަވެސް މިމައްސަލަ ވަނީ ތަޅުމުން ބޭރުކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަމަލު ކުރަމުން ގެންދަވަނީ އިންސާފުވެރި ގޮތަކަށް ނޫންކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ.