ޚަބަރު
ފަތުރުވެރިންނަށް އާންމުން އުޅޭ ރަށް ރަށުގެ ގެސްޓު ހައުސް ތަކަށް ދެވޭ ހެން ބަދަލު ގެނެސްފި

ވެކްސިން ގެ ދެ ޑޯޒް ހަމަކޮށް 14 ދުވަސްވެފައިވާ ފަތުރުވެރިންނަށް އާންމު އުޅޭ ރަށް ރަށުގެ ގެސްޓު ހައުސް އަށް ދެވޭ ގޮތް ހަދައިފިއެވެ.

މި މަހު 26 ވަނަ ދުވަހުން ފެށިގެން މި އުސޫލަށް އަަމަލު ކުރަން ފަށާނެ ކަމަށްވެސް އެޗްޕީއޭގެ އިއުލާނުގައި ވެއެވެ. މި އުސޫލުގެ ދަށުން ރަށަކަށް ދާނަމަަ 72 ގަޑިއިރު ހަމަނުވާ ނެގަޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ ބޭނުންވާނެއެވެ. މި ގޮތަށް ދާ ފަތުރުވެރިންނާއެކު ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިންނަށްވެސް ދެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެރަށެއްގެ ދިރިއުޅޭ އާބާދީގެ 60 އިންސައްތައަށް ވެކްސިން ޑޯޒް ފުރިހަމަކޮށްފައި ވާނަމަ ވެކްސިން ނުޖަހާ ފަތުރުވެރިންނަށް އެ ރަށަށް ދެވޭނެއެވެ. އަދި އެރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް 95 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒް ފުރިހަމަވެފައިވާން ޖެހޭނެއެވެ. އަދި ހަމައެއާއެކު ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވުން ވެސް ވަނީ ހިމަނާފަ އެވެ.

ރާއްޖޭ ގައި ކޮވިޑް ފެތުރުން މަޑުޖެހިފައި އޮތުމާއީ، އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާތީވެ، އެޗްޕީއޭއިން ދަނީ ގިނަ ލުއި ތަކެއް ދެމުންނެވެ.

 

Comment