ރާއްޖެއިން ބޭރުގައި، ވެކްސިން ޖަހާފައި ތިބި ދިވެހިންނަށް ކަރަންޓީނަކާއި ނުލައި އާދެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
މީގެ އިތުރުން ވާރކް ޕާމިޓް ހޯލްޑަރުންނަށް ވެސް މި އުސޫލުގެ ދަށުން ކަރަންޓީނަކާއި ނުލައި އާދެވޭނެއެވެ.
އެޗްޕީއޭ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ޑަބްލިއުއެޗްއޯގެ ހުއްދަ އޮތް ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އާދެވޭނެ ކަމަށެވެ.
މީގެއިތުރުން ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށް ވެސް ކަރަންޓީނަކާއި ނުލާ އާދެވޭނެ ކަމަށެވެ. އެހެން ނަމަވެސް 72 ގަޑިއިރު ހަމަނުވާ ނެގަޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ އޮންނަން ވާނެއެވެ.
މި އުސޫލުގެ ދަށުން ރާއްޖެ އާދެވޭނީ ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީ ކުރެވި ކުރީބައިގެ ހުއްދައަށް އެދިގެންނެވެ.