އެމެރިކާގެ ބޮސްޓަންގައި ބޭއްވި ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މިމަހުގެ 13އިން 15އަށް ކުރިއަށްދިޔަ މިއެކްސްޕޯގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. މިނިސްޓަރު އަރިހުގައި ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް އާދަމް ޒިޔާދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި އެކްސްޕޯގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ބޭރު ޤައުމުތަކަށް އިޝްތިހާރުވެ މާކެޓް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިކަމުގެ ސަބަބުން ރާއްޖޭގައި މަސްވެރިން ބާނާ މަހަށް ހަމައަގެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު މަގުތަކެއް ފަހިވެގެންދާނެކަމަށްވެސް ފިޝަރީޒް މިނިސްޓްރީއިން ބުނެއެވެ.
މިނިސްޓަރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ކެލިފޯނިޔާގެ ޔުނިވަސިޓީ އޮފް ސެންޓަ ބާބަރާގެ ސައިންޓިސްޓުންނާއި ބައްދަލުކުރައްވާފައިވެއެވެ. އަދި ހިމާޔަތްކޮށްފައިވާ ތަންތަނާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.