ރޯދައިގެ ކުރިން ބޫސްޓާ ޑޯޒު ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ރޯދަ މަހުގެ ކުރިން ޝަރުތު ހަމަވާ އެންމެން ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން އަންނަ މިފެށޭ ރޯދަމަހު ވެކްސިން ޖަހައިދޭނީ ދަރުމަވަންތަ ހޮސްޕިޓަލުންނާއި، ހުޅުމާލޭ ހޮސްޕިޓަލުންނެވެ. މިދެތަނުން ވެކްސިން ޖަހައިދޭނީ ރޭގަނޑު 9:00ން ފެށިގެން 11:00ގެ ނިޔަލަށެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 143،477 މީހުން ވަނީ ބޫސްޓާ ޑޯޒު ޖަހާފަ އެވެ.
ދިވެހިރާއްޖޭގައި ފެށި ވެކްސިންދިނުމުގެ ކެމްޕެއިންގައި ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ، އެޤައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން، ޗައިނާގެ ސިނޮފާމް ވެކްސިން އަދި ފައިޒަރ ވެކްސިނެވެ.