ކައިވެނިކޮށްގެން އުޅޭއިރު ފިރިމީހާއަށް އަނބިމީހާ ކުރާ ޚަރަދާއި ރައްތެހިވެގެން އުޅޭއިރު ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ކުރާ ޚަރަދަކީވެސް ދަރަންޏެއް ކަމަށާއި އެދަރަަނި އަނބުރާ ހޯދައިދެވޭނެ ކަމަށް ސްޕްރީމްކޯޓުން ވަނީ ނިންމާފައެވެ.
2020 ވަނަ އަހަރު ސްޕްރީމް ކޯޓުން ނިންނި ނިންމުމުގައި ބުނެފައިވަނީ ޚަރަދެއް ކުރަންޖެހޭ ގުޅުމެއް ދެ މީހުންގެ ދެމެދުގައި ނެތް ނަމަ، އެކަކު އަނެކަކަށް ދޭ ފައިސާއަކީ އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު ދަރަންޏެއްގެ ގޮތުގައި ބެލެވޭނެ ކަމަށާއި ފިރިމީހާއަށް އަނބިމީހާ ކުރާ ޚަރަދަކީ ވެސް އަނބުރާ ދޭންޖެހޭ ދަރަންޏެއް ކަމަށެވެ.
އެހެން ނަމަވެސް އެޚަރަދު އަނބުރާ ހޯދައިދެވޭނީ ފައިސާ ނުވަތަ ހަދިޔާ ދިންކަމުގެ ސާބިތު ހެކި ހުރެގެންނެވެ.
ފައިސާގެ މުއާމަލާތްތަކަކީ ގިނަފަހަރަށް ބެންކު މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކަކަށް ވުމުން އެކަން ސާބިތުކުރަން އުދަގުލެއް ނުވާނެއެވެ. އެ ހިސާބުން އެއީ ހަދިޔާއެއް ކަން ނުވަތަ އެހެން ބޭނުމަކަށް ދިން ފައިސާއެއް ކަން ސާބިތުކޮށް ދިނުމުގެ ޒިންމާ އޮންނަނީ ފައިސާ ލިބުނު މީހާއަށެވެ. އެކަން އޭނާއަށް ސާބިތުކޮށް ނުދެވޭ ނަމަ ފައިސާ އަނބުރާ ދައްކަން ޖެހޭނެއެވެ.
ކައިވެނިކޮށްގެން އުޅޭއިރު ފިރިމީހާއަށް ޚަރަދުކުރުމަކީ އަނބިމީހާގެ މައްޗަށް ވާޖިބެއް ނޫނެވެ. އަދި އެއީ އަނބިމީހާގެ ޒިންމާއެއްވެސް ނޫނެވެ. އެހެންވުމުން ފިރިމީހާއަށް އަނބިމީހާ ދިން ފައިސާ ވެސް ބެލެވެނީ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ދަރަންޏެއްގެ ގޮތުގަ އެވެ. ސްޕްރީމްކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން އަނބިމީހާ ފިރިމީހާއަށް ދީފައިވާ އެއްޗަކީ އަނބުރާ ދޭން ނުޖެހޭ ގޮތަށް ދީފައިވާ އެއްޗެއްކަން ސާބިތުނުވާ ހިނދަކު އެއެއްޗެއްވެސް ވާނީ ދަރަންނަކަށެވެ. މައްސަލަ ޖައްސައިފިނަމަ އެޚަރަދު އަނބުރާ ހޯދައިދެވޭނެ ކަމަށް ކޯޓުންވަނީ އަންގާފައެވެ. ކައިވެނި ޕާޓީ ބޭއްވުމަށާއި ހަނީމޫނަށް ދިއުމަށް އަނބިމީހާ ލައްވައި ފިރިމީހާ ކުރުވި ޚަރަދުތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެހެންނަމަވެސް އަނބިމީހާއަށް ޚަރަދުކޮށް ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް ވާޖިބަކަށް ވާތީ ފިރިމީހާ އަނބިމީހާއަށް ކުރާ ޚަރަދާ މެދު އޮންނަނީ އޭނާގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރި ޚަރަދެއްގެ ގޮތުގައެވެ.
ސްވިޒަލެންޑްގެ އަންހެނަކާ ލޯބީގެ ގޮތުން އުޅުނުއިރު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި ދިވެއްސަކު އެ ފައިސާ އަނބުރާ ދައްކަން ޖެހުނެވެ. އަދި ޖަރުމަނު އަންހެނެއްގެ އަތުން ބައި މިލިއަނެއްހާ ރުފިޔާ އެގޮތަށް ހޯދި މީހަކު ފައިސާ އަނބުރާ ދައްކަން ޖެހުނުއިރު، އެފަދަ އެހެން މައްސަލައެއްގައި 170،00 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ޖެހުމެވެ. ދާދިފަހުން ވެސް އެފަދަ މައްސަލައެއް ވަނީ ނިންމާފައެވެ.