ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.
އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް އެޤައުމަށް ކުރައްވާ ދަތުރުފުޅުގައި، އެޤައުމުގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ، އަދި ޚާރިޖީ ވަޒީރު ޑރ.ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވާނެކަމަށް މިނިސްޓަރ އަބްދުﷲ ޝާިދުވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ ޝާހިދު ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މި މަހުގެ ތެރޭގައި މިނިސްޓަރ ޝާހިދު ދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބޮޑު ތާއީދަކާއެކު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމު އަދާކުރައްވަމުންނެވެ.