ރައްޔިތުން ގުނބޯ ނުހައްދައި، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން އަމްރު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ގޮވާލައްވައިފިއެވެ.
އަމްރު މިހެން ވިދާޅުވެފައިވަނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ބޮޑެތި ބަދަލުތަކަކާއި އެކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދެއްކެވި ވާހަކަފުޅަކަށް އިޝާރަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރ، އަހުމަދު ޝިޔާމް އެސްޓީއޯގެ އެމްޑީ އަމްރުގެ ވާހަކަފުޅަށް އިޝާރަތްކޮށް ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ “މިއީ އަޅުގަނޑުމެން ދައްކާ ވާހަކަ. އެސްޓީއޯ އެމްޑީ ހުސައިން އަމްރުވެސް ޤަބޫލުކުރައްވާ ކިއުއޭ (ޤާނޫނު އަސާސީ) ބުނެދެނީ، އިބޫ ސޯލިހް އެއީ ރައީސުލް ޖުމްހޫރިއްޔާ ނޫންކަމަށް. ސްޕްރީމް ކޯޓުން މިކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ޤަބޫލުކުރަން – މިފަދައިން ނެވެ.
I found it ridiculous & absurd that an opposition MP would make such a mountain of a molehill. This shows I clearly referred to VP with his title in other instances, so it's apparent that I had made an error. Surely a responsible opposition has better things to poke holes into? https://t.co/3oGlvfZXa9 pic.twitter.com/5aoEbV3BJV
— Amr 🎈 (@HusenAmr) March 17, 2022
ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރ، އަހުމަދު ޝިޔާމް ގެ ޓްވީޓަށް ރައްދު ދެއްވަމުން އެސްޓީއޯ އެމްޑީ އަމްރު ވިދާޅުވީ، އިދިކޮޅު އެމްޕީއަކު، އެމަނިކުފާނު ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅަކުން އެރި އޮޅުމެއްގެ ކުޑަ ތަންކޮޅެއްގައި ނަންގަވައި، އެވަރު ބޮޑު އޮޅުވާލުމެއް ރައްޔިތުންނަށް އޮޅުވުމަށް މަސައްކަތް ކުރެއްވީތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. ވީޑިއޯ އިތުރަށް ބެއްލެވުމުން، ވަރަށް ސާފުކޮށް ނާއިބު ރައީސަށް ޓައިޓަލް އާއެކު މުޚާޠަބު ކޮށްފައި ވާނޭ ކަމަށެވެ.
އެމްޑީ އަމްރު ވިދާޅުވި ގޮތުގައި، އެއީ އެރި އޮޅުމެއްކަން ވީޑިއޯއިން ވަރަށް ރަނގަޅަށް ސާފުވެގެން ދާނެ ކަމަށެވެ. މިފަދަ އާދައިގެ ކަންކަން ބަދަލުކޮށް ރައްޔިތުންނަށް ހަޤީޤަތް އޮޅޭނެހެން ފިތުނަ އުފެއްދުމަށްވުރެ، އިދިކޮޅު ޕާޓީއަކަށް ޒިންމާދާރު ގޮތެއްގައި ކުރެވޭނެ ކިތަންމެ ކަމެއް އެބަހުރިކަމުގައި އެމްޑީ އަމްރު ފާހަގަކޮށްފައި ވެއެވެ.
އަމްރު އެސްޓީއޯގެ އެމްޑީ ކަމަށް އައްޔަން ކުރެވުނު ފަހުން ވަނީ އެކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުންފުނީގެ ހިންގުން ހަރުދަނާ ކުރައްވާފައިކަން ފާހަގަ ކުރެވެއެވެ. އަދި އެކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަންވެސް ފާހަނގަ ކުރެވެއެވެ.