ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް އެމަނިކުފާނުގެ ކެމްޕެއިންގެ އެއްވެސް ހަރަކާތްތަކެއްގައި ބައިވެރިނުވުމަށާއި، އެމަނިކުފާނު އެރަށަކަށް ވަޑައިގަންނަވާއިރު އިސްތިގްބާލަށް ނުނިކުތުމަށް އަންގަވާކަމަށް، އެމްޑީޕީގެ ޗެއަރޕަރސަން އިންތިހާބުގައި ވާދަކުރައްވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތިއާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ހުވަދޫ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އިންތި ވިދާޅުވީ، ޕާޓީއަށް ތެދުވެރި ހެޔޮއެދޭ އެޕާޓީގެ އުސޫލުތައް ގަބޫލުކޮށްގެން ތިއްބަވާ ފަރާތްތަކަށް ބަލައިނުގަނެވޭ ޒާތުގެ ބައެއް ވާހަކަތައް ރައްޔިތުންނާއި ބައްދަލުކުރުމަށް ކުރައްވަމުންގެންދަވާ ދަތުރުތަކުގައި އަޑުއިވޭ ކަމަށެވެ.
އިންތި ވިދާޅުވީ، ބައެއް ސަރުކާރުގެ ކުންފުނިތަކާއި، ބައެއް ވަޒީރުންގެ އަމަލުތައް އެހުންނަ ގޮތަކީ އެމްޑީޕީގެ އުސޫލުތަކާއި މުޅިން ޚިލާފު އަދި އެޕާޓީގެ މެމްބަރުންނަށް ގަބޫލު ނުކުރެވޭ ކަންތައްތަކެއް ކަމަށާއި، އެކަންތައްތަކުގެ ސަބަބުން ޕާޓީގެ ކުރިމަގަށް އަސަރުކުރާނެ ކަމަށެވެ. އަދި އެފަދަ ކަންތައްތަކުން ޕާޓީއާއި ދިވެހިރައްޔިތުންގެ އުންމީދު އޮތް ޕާޓީ ސަލާމަތް ކުރުމަކީ އެމްޑީޕީ މެމްބަރުން ނިންމަން ޖެހޭ ކަމެއް ކަމަށެވެ.
މިސާލަކަށް ފެނަކައިގެ ބައެއް ފަރާތްތަކުން އެބަ އަންގާ، މިސާލަކަށް އާރްޑީސީގެ ބައެއް ފަރާތްތަކުން އެބަ އަންގާ އިމްތިޔާޒް ފަހުމީ އަންނައިރު ރިސީވްކޮށްލަން ނުނިކުންނައްޗޭ. އަޅުގަނޑުމެންގެ ކެމްޕެއިން ޕޯސްޓެއް ފޭސްބުކްގައި ޖެހުން މަނާ އެބަކުރޭ. މިކަންކަން މަނާކުރާ އިރު އެތަންތަނުގެ ވެރިން މިއުޅެނީ އެބޭފުޅުން ތާއީދުކުރާ ކެނޑިޑޭޓުގެ ކެމްޕެއިންގައި އިންތިހާއަށް މަސައްކަތް ކުރައްވަމުން – އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، އެކަމަކީ އެމްޑީޕީ ގަބޫލުކުރާ އުސޫލުތަކެއް ނޫންކަމަށާއި، އެކަމަކީ އެމްޑީޕީގެ އަސްލާއި މުޅިން ތަފާތު ކަމެއް ކަމަށެވެ. އަދި އެޕާޓީއަކީ މިނިވަންކަމާއެކު އެބޭފުޅަކު ތާއީދުކުރާ ކެނޑިޑޭޓަކަށް ތާޢީދުކޮށް އެބޭފުޅަކު ބޭނުން ބަޔަކަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމުގެ މަގްސަދުގައި އައި ޕާޓީއެއް ކަމަށެވެ.
އެހެން ނަމަވެސް އެމްޑީޕީގެ އުސޫލުތަކާއި ފަލްސަފާތައް ހަމައެއްކޮށް ވަޅުލަމުންދާތަން ފެންނަމުންދާ ކަމަށާއި އެކަމުގެ މިސްރާބު ހުރީ ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި ޚިލާފަށް ކަމަށާއި، އެފަދަ ކަންތައްތަކަކީ ގާނޫނީ ގޮތުން ވެސް ވަރަށް ބޮޑު ކުށެއް ކަމަށްވެސް އިންތި ވިދާޅުވިއެވެ.