ފިހާރައަކުން ރެޑްބުލް ދަޅަކާއި ދެފޮށި ސިގިރެޓް ގަތުމަށްފަހު ފޭކު ސްލިޕެއް ފޮނުވި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ފޭކް ސްލިޕެއް ފޮނުވައިގެން ޖަލަށްލާން ހުކުމް ކުރެވުނީ އިބްރާހިމް ހަލީލް ނަމަކަށް ކިޔާ ހއ.ދިއްދޫ މީހަކަށެވެ.
އިބްރާހިމް ހަލީލްގެ މައްޗަށް ދައުލަތުން ވަނީ އެނގިހުރެ ޞައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދަޢުވާ ކޮށްފައެވެ. ދައުލަތުން ހާމަކުރި ގޮތުގައި 29 ޖޫން 2021 ދުވަހު 15:15 އެހާކަންހައިއިރު، ކ.މާލެ، “ފްރެޝް އެންޑް އައިސް” ފިހާރައިން ދެކެމަލް ހާޑް ސިނގިރޭޓް ފޮއްޓާއި، ދެރެޑް ބުލްއާއި، އެއް ސްނިކާސް ޗޮކްލެޓްއާއި، އެއް މާސް ޗޮކްލެޓް ނެގުމަށްފަހު، މިތަކެތީގެ އަގަށްވާ -/304 (ތިންސަތޭކު ހަތަރު ރުފިޔާ) އެ ފިހާރައިގެ އެކައުންޓަށް ޓްރާންސްފަރ ކުރިކަމަށް ދެއްކުމަށްޓަކައި، ބީއެމްއެލްގެ ނަމުގައި ހަދާފައިވާ ޞައްޙަނޫން ޓްރާންސްފަރ ސްލިޕެއް އެ ފިހާރައިގެ ސޭޓަށް ފޮނުވާފައެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި އިބްރާހިމް ޚަލީލް ވަނީ ދައުވާއަށް އިއުތިރާފް ވެފައެވެ. އަދި އަދަބު ކުޑަކޮށްދީ ގޭ ބަނދުކުރުމަށް ހަލީލް ވަނީ އެދިފައެވެ.
ދައުލަތުން ބުނެފައިވަނީ މި ކުށަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި މިކުށަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށާއި، އަދި ކުށަށް އިޢުތިރާފްވެފައިވާތީ، އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްވާނެ ކަމަށާއި، އެހެންކަމުން މީނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ ހަތް މަހާއި ހަދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ.
އެހެނަނަމަވެސް މިއީ އިބްރާހިމް ހަލީލްގެ ފުރަތަމަ ފަހަރު ކަމަށްވާތީ އާއި ޝަރީއަތުގެ މަރުހަލާގައި ޝަރީއަތަށް ދީފައިވާ އެއްބާރުލުމަށާއި، އަދި ސައްހަނޫން ބޭންކް ސްލިޕްގައި ހިމެނޭ ފައިސާގެ މިންވަރު ކުޑަ ކަމާއި، މިކަންކަމަށް ރިއާޔަތްކޮށް ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ މިންވަރު އެއްދަރަޖަ ދަށް ކުރުމަށްފަހު ފަނޑިޔާރު އިއްވީ ހަލީލްގެ މައްޗަށް މައްޗަށް އައީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ސައްޚަނޫން ސްލިޕްތައް ފޮނުވައިގެން ވިޔަފާރިކުރަމުން ގެންދާތީ ފުލުހުންދަނީ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ފޭކު ސްލިޕް ފޮނުވައިގެން ވިޔަފާރިކުރުން މިދަނީ ރާއްޖޭގައި އާންމު ކަމަކަށް ވަމުންނެވެ.