މަޖިލިސް ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ތަޅުމުގައިވެސް އަދި އާންމު ރައްޔިތުންނާއި މުޚާތަކޮށް ވާހަކަ ދައްކަވާއިރުވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދައިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވުމުން ސައީދު މަޖިލީހުން ނެރޭނެ ކަމުގެ އިންޒާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޤަރާރުގެ ކޮމިޓީ ރިޕޯޓުގެ ބަހުސްގައި ސައީދު ވިދާޅުވެފައިވަނީ މިސަރުކާރުން އިންޑިއާއާއިކު ހަދާފައިވާ އެއްބަސްވުންތަކަކީ ނުރައްކާތެރި އެއްބަސްވުންތަކެއް ކަމަށާއި އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ހުށަހަޅާފައިވަ ހުށަހެޅުމަކީވެސް މިކަމުގެ ތެރެއިން ކުރެވޭ ނުރައްކާތެރި ކަމެއް ކަމަށެވެ.
ސައީދު މިހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ އިހަވަންދިއްޕޮޅުގައި ބޭރުގެ ބަޔަކާއިއެކު އެއްބަސްވުމެއް ހަދާފައިވާނަމަ އެކަން ކޮށްފައިވަނީ ނިމިދިޔަ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ވިދާޅުވެފައެވެ.
ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ސައީދު ވިދާޅުވީ ނަޝީދު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި އެމަނިކުފާނަކީ އަބަދުވެސް މަޖިލިސް ތަޅުމުގައިވެސް އަދި އާންމު ތަންތަނުގައިވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށެވެ.
ހަމައެއާއެކު ރައީސް ނަޝީދުވަނީ ސައިޑުގެ ވާހަކަ މެދުކަނޑާލައި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި މަޖިލީހުން ނެރެން ނަން އިއްވާނެކަމަށް ވިދާޅުވެފައެވެ.
ނަޝީދު ސައީދުގެ ނަން އިއްވާނެކަމަށް ވިދާޅުވުމަށްފަހު އިތުރަށް ސައީދަށް ވާހަކަ ދެއްކުމަށް ފުރުސަތު ދީފައި ނުވެއެވެ.