2023 ވަނަ އަހަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދުމަށް ބޭނުންވަންޏާ، އެމްޑީޕީގެ ހުންގާނުގައި ހުންނަން އެންމެ ރަނގަޅު މީހަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ކަމަށް، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ކުރީގެ ޗެއަރމަން، އަދި މޯލްޑިވްސް ޓްރޭޑިންގ ޔޫނިއަންގެ ވައިސް ޕްރެޒިޑެންޓް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދުﷲ މިހެން ވިދާޅުވީ، މިދިޔަ ހަފްތާގައި ފައްޔާޒް އިސްމާޢީލްގެ ކެމްޕެއިން އަށް ތިނަދޫއަށް ވަޑައިގެން ހުވަދޫ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައެެވެ. އެގޮތުން ސައުދުﷲ ވިދާޅުވީ، ފައްޔާޒްފަދަ ގާބިލް މީހަކަށް ނޫނީ ޕާޓީގެ ދެކެން ބޭނުންވާ މިސްރާބަށް ދެވެންނެތް ކަމަށެވެ. އެގޮތުން 2023 ގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ފައްޔާޒް އެމްޑީޕީގެ ޗެއަރޕަރސަން އަކަށް ހުންނަން ކޮންމެހެން މުހިންމު ކަމެއް ކަމަށެެވެ.
ސައުދުﷲ އިތުރަށް ވިދާޅުވީ، ފައްޔާޒް އާއި އިންތިއާއި ދެކެނޑިޑޭޓުންނަކީވެސް ވަރަށް ރަނގަޅު ދެކެނޑިޑޭޓުން ކަމަށާއި، އެހެން ނަމަވެސް މުޅި ދުނިޔެއަށް ދިމާވި ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމަށްޓަކައި، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ކުރެއްވި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ.
އޭގެ އިތުރުން ސައުދުﷲ ވިދާޅުވީ، ފައްޔާޒް އަކީ ވަރަށް ސީދާ ސާފު ބަހުން ބުނަންބޭނުންވާ އެއްޗެއް ކޮންމެ މީހަކު ބުންޏަސް އެމީހަކު ކުރިމަތީގައި އެކަމަކީ ވާނެ ކަމެއް ނޫނީ ނުވާނެ ކަމެއް ކަމަށް ވަންޏާ އެކަން ވެސް ޖެހިލުމެއް ނެތި ބުނެލާނެ ޝަޚްޝިއްޔަތެއް ކަމަށެވެ.