މިއަހަރުގެ ރޯދަ އެލަވެންސް އަންނަ ހޯމަ ދުވަހު މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށާއި އެއް ވަޒީފާއަށް ވުރެ ގިނައިން ވަޒީފާ އަދާކުރާ ނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަނި ކަމަށެވެ. އަދި ރޯދަމަހު ޗުއްޓީގައި އާއި ނޯޕޭގައި ތިބޭ މުވައްޒަފުންނަށް އިނާޔަތް ދޭކަށް ނުޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ޗުއްޓީގައި ހުރުމަށްފަހު ރޯދަމަހު ވަޒީފާއަށް ނުކުންނަށް ފަށައިފިނަމަ އެދުވަހަކުން ފެށިގެން ރޯދަ އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ އަދަދު ބަލައި އެލަވެންސްގެ ގޮތުގައި އެ އަދަދު ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.
މީގެއިތުރުން ރޯދަ އިނާޔަތް ދީފައި ހުއްޓާ ރޯދަމަސް ނުނިމެނީސް އެމުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވާ ތާރީހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދެއް ބަލައި އެ ފައިސާ އަނބުރާ ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފައެވެ.
މިނިސްޓްރީން އަންގާފައިވަނީ ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރުތައް ޕޯސްޓް ކުރަން ޖެހޭނެ ކަމަށެވެ.