ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑެވެލޮޕްމެންޓް އެންޑް އެމްޕަވަރމެންޓް (ޓޭޑް) އިން ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި ގުޅިގެން ބާސްކެޓް ބޯޅައިގެ ތަމްރީން ޕްރޮގްރާމްތަކެއް ގދ.ތިނަދޫގައި ފެށުމަށް ނިންމައިފިއެވެ.
ތިނަދޫ ޑަބްލިޔުޑީސީ އާއި ތިނަދޫ ސްޓޭޑިޔަމްގެ އެހީތެރިކަމާއެކު އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބާސްކެޓް ބޯޅަ ތަމްރީންތައް ކުރިޔަށް ގެންދާނީ މާރޗް 26 އިން 01 އޭޕްރީލްގެ ނިޔަލަށެވެ. ޓްރެއިނިންގ ކުރިޔަށް ގެންދާނީ ބާސްކެޓްބޯލް އެސޯސިއޭޝަންގެ ތަޖުރިބާކާރު ރެފްރީންނާއި ކޯޗުންގެ އިތުރުން އޮފިޝަލުންގެ ޓީމަކުންނެވެ.
މިތަމްރީން ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސްޓޭޑިޔަމް ބާސްކެޓް ކޯޓުގައެވެ.
ޓޭޑުން މައުލޫމާތުދިން ގޮތުގައި މިފަދަ ޕްރޮގްރާމްތަކެއް ތިނަދޫގައި ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރަށުގައި ބާސްކެޓްބޯޅަ ނެތިގެންދާތީ އެކުޅިވަރު އާލާކޮށް ކުޅިވަރާއި ބެހޭ މައުލޫމާތްތައް ފޯރުކޮށްދިނުމެވެ. އަދި މި ތަމްރީންތަކުގެ އެހީގައި ބާސްކެޓް ބޯޅައަށް ހުނަރުވެރި ޒުވާނުންތަކެއް ތިނަދޫއިން އުފެދިގެންދާނެއެވެ.
ތިނަދޫ އަކީ ފުޓްބޯޅަ އަދި ނެޓްބޯޅައަށް ހާއްސަ ކުޅިވަރުގެ ރަށަކަށް ވާތީ މިފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ވަރަށް ބޭނުންތެރި ޕްރޮގްރާމްތަކެކެވެ. ކުރިޔަށް އޮތްތާނގައި ފުޓްބޯޅައެކޭ އެއްފަދައިން ބާސްކެޓް ބޯޅައިގެ ފޯރި ތިނަދޫއިން ފެނިގެން ދިޔުމަކީ ޓޭޑްގެ އުއްމީދެކެވެ.
ދެޖިންސުގެ ޒުވާނުންނަށް ހާއްސަކޮށް ހިންގާ މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ ކަމަށް ޓޭޑުން ވަނީ ބުނެފައެވެ.
ގޫގަލް ފޯމް: https://docs.google.com/forms/d/1hdaTVvi8aHfBIN_E90rAjGlB45HSwFmW1XdVfaTB8UI/edit