ގދ.ނަޑެއްލާއިން ބޯފެން ހުސްވެއްޖެއެވެ.
ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު ވިދާޅުވީ އެ ރަށު މީހުން ބޯން ބޭނުންކުރާ ވާރޭ ފެން ހުސްވެފައިވާތާ 2 ހަފުތާ ވެއްޖެ ކަމަށާއި ނަމަވެސް މިއަދުގެ ވަގުތެއްގައި ފެނަކައިން ފެން ގެނެސް ދީފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ ފަހަރަކުވެސް ފެން ހުސް ވުމުން ފެނަކައިން ހިލޭ ފެން ފޯރުކޮށްދޭ ކަމަށާއި އެގޮތުން މިއަދުވެސް 25.131 ޓަނުގެ ފެން ގެނެސް މިސްކިތުގެ ތާނގިތަކަށް އަޅައި ދީފައިވާކަމަށެވެ.
1100 މީހުންގެ އާބާދީ ގެ ތެރެއިން 700 މީހުން ދިރިއުޅޭ ނަޑެއްލާ އިން ކޮންމެ އަހަރަކު 2 ފަހަރަށް ބޯފެން ހުސްވެއެެވެ.
ނަޑެއްލާ ކައުންސިލްގެ ރައީސް ވިދާޅުވީ ކޮންމެ ގެއެއްގައި ވެސް ފެން ބޭނުން ކުރަނީ އެގެއެއްގައި ބަހައްޓާފައި ހުންނަ ކަޅު ހަމަށް ވާރޭ ފެން ނަގައިގެން ކަމަށާއި އެފެން ހުސް ވުމުން ދެން ބޭނުން ކުރާނީ މިސްކިތު ތާނގި ތަކުން ކަމަށެވެ.