ގދ ތިނަދޫގައި، ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކޮފީ ބުއިމަށް ބޭނުންކުރާ ހަކުރު ޕެކެޓް ބަންދުކޮށް ހޯލްސޭލްކޮށް ވިއްކަން ފަށައިފިއެެވެ.
“ވައިޓް ޝުގަރ” އިން ތިނަދޫގައި ހަކުރު ޕެކެޓް ބަންދުކޮށް ހޯލްސޭލްކޮށް ވިއްކުމާއި ބެހޭ ގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެފިހާރައިގެ ވެރިޔާ އިސްމާއީލް ވިދާޅުވީ، މާލެއިން ގެނެސްގެން ހޮޓާ ރެސްޓޯރަންޓްތަކުގައި ބޭނުންކުރާ ހަކުރު ޕެކެޓް މިހާރު މާލެއިން ލިބޭ އަގުގައި އެފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.
އިސްމާއީލް އިތުރަށް ވިދާޅުވީ، ތިނަދޫގެ އިތުރުން ހުވަދު އަތޮޅުގެ ހުރިހާ ރަށްތަކަށް ބޭނުންވާ ވަރަށް، އެއްވެސް ދަތިކަމެއްނެތި ހަކުރު ޕެކެޓު ބަންދުކުރެވޭނެ ކެޕޭސިޓީ ހުރި ކަމަށާއި، އަތޮޅުތަކުން ވައިޓް ޝުގަރ ޕެކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފެރީއާއި ހަމައަށް ޑެލިވަރީ ކޮށްދެވޭނެ ކަމަށެވެ.
އޭގެ އިތުރުން ކަސްޓަމަރުން ބޭނުން ގޮތަކަށް ކަސްޓަމައިޒްޑްކޮށް، ކުންފުންޏެއް ނުވަތަ ހޮޓާ ރެސްޓޯރަންޓުގެ ނަން ޖަހައިގެން ވެސް އެތަނުން އުފައްދާ ހަކުރު ޕެކެޓު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، މުސްތަގުބަލުގައި އަތޮޅުތެރޭގެ އެކި ރަށްރަށުންވެސް އެރަށެއްގައި ތިބެގެން އެފިހާރައިން އުފައްދާ ޕްރޮޑަކްޓް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވައިޓް ޝުގަރ 5 ގްރާމް ގެ ޕެކެޓް ބަންދުކޮށް ހުވަދުއަތޮޅުގައި އެވިޔަފާރި ފުޅާދާއިރާއެއްގައި ކުރަން ފަށާފައިވާ “ވައިޓް ޝުގަރ” ފިހާރަ ހުންނާނީ ތިނަދޫ ކުރީގެ ޕޯސްޓް އޮފީސް ހިންގި އިމާރާތުގައެވެ. ވައިޓް ޝުގަރ އަކީ “ލިމް ޓްރޭޑިންގ” ގެ ދަށުން ހިންގާ އެކުންފުނީގެ ފުރަތަމަ ފިހާރައެވެ.