ކުށްތަކުގެ ސަބަބުން މުޖުތަމަޢުގައި ނުގެންގުޅެވޭ ޙާލަތަކަށް ދާ ކުދިންނަށް އެންމެ ފަހު މަރުޙަލާގައި ފަރުވާދޭ “ލޯންގްޓަރމް ސެކިޔަރ ފެސިލިޓީ” އެއް ވަރަށް އަވަހަށް ޤާއިމުކޮށް ޚިދުމަތް ފަށާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އިސްނެންގެވުމުގެ ދަށުން ކަމާއި ގުޅުންހުރި އިދާތާރަކަށް ކުރިއަށްގެންދިޔަ “ޖުވެނައިލް ޖަސްޓިސް ޓްރެއިނިން” ނިންމުމުގެ ރަސްމިއްޔާތުގައެވެ.
“ޖުވެނައިލް ޖަސްޓިސް ޓްރޭނިން” ކުރިއަށްގެންދިޔައީ މިމަމުގެ 20އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށެވެ. މި ތަމްރީނަކީ ކުޑަކުދިންނާ މުޢާމަލާތްކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ، އެކަމުގެ ތަމްރީނާއި ހުނަރާއި އިރުޝާދު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ހިންގި ޕްރޮގްރާމެކެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޙައްޤުތެރިކުރުން ހޭލުންތެރިކުރުން ހިމެނެއެވެ.
ތަމްރީން ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާ ވާހަކަަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް އަަލީ ނަޒީރު ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަންފީޛުކުރުމުގައި ކަމާގުޅުންހުރި މުވައްޒަދުންގެ ވިސްނުމާއި ފިކުރު އަދި ބުއްދި ޤާނޫނާ އެއްވަރަށް ތަރައްޤީވުން ވަަރަށް މުހިންމުކަމަށެވެ. ކުށުގެ ވެއްޓަށް ކުޑަކުދިން ވަނުމުގެ ފުރުޞަތު ކުޑަކުރުމަށް، އެކަންކަމަށް ކުދިން ހޭލުންތެރިކުރުމަށް، މުވައްސަސާތަކުގެ މަސައްކަތް އިތުރު ކުރަންޖެހޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
“މިފަދަ ތަމްރީންތައް އަސާސީ ތަމްރީންގެ ގޮތުގައި ހިންގަންޖެހޭ. މިފަދަ ޖޮއިންޓް ތަމްރީންތައް ވަރަށް މުހިންމު. އޭރުން އަދުލުގެ ނިޒާމާއި ގުޅުންހުރި ކަންކަން، ގުޅުންހުރި މުވައްސާތަކުގެ ފުރިހަމަ ހިއްސާއާއެކު ކުރުމަށް މަގުފަހިވޭ.” ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
” މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކުރާ ޒިންމާތަކަކީ މުޖްތަމަޢުގައި ކޮންމެހެން ނުގެންގުޅެވިދާނެ ޙާލަތަކަށް ކުއްޖާ ދާ ހިނދު، ޢެންމެ ފަހު މަރުޙަލާއަކަށް ގެންދަންޖެހޭ ތަނަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގްޓަރމް ސެކިއަރ ފެސިލިޓީގައި ބެލެހެއްޓުން. މިވަގުތު ލޯންގްޓަރމް ސެކިއަރ ފެސިލިޓީ ޤާއިމުކުރެވިފައި ނެތަސް، ދާދި އަވަހަށް މި ފެސިލިޓީ ޤާއިމުކުރެވިގެންދާނެ.” އަޙުމަދު މުޙައްމަދުފުޅު ވިދާޅުވިއެެވެ.
“މި ނިޒާމުގެ ތެރެއިން ދެވޭ އަޅާލުމާއި ހޯދައި ދެވޭ ފުރުޞަތުތަކާއި ފޯރުކޮށްދެވޭ އެހީތެރިކަމަކީ އެ ކުދިން ކާމިޔާބުކަމާއެކީގައި މުޖްތަމަޢުއަށް ބިނާކުރަނިވި ފަރުދުންގެ ގޮތުގައި ނިކުތުމަށް މަގުފަހިކޮށްދެވޭ ކަމެއް” ހުނާނާ ވިދާޅުވިއެވެ.