އައްޑޫސިޓީގައި ހިންގާ ކޮސްމެޓިކްސް ފިހާއަކައަކަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ، އެތަނުގައި ތިބި މުވައްޒަފުންނަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރިގެންފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، މިއަދުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ހިންގާ އެފިހާރައަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ކައުންޓަރުގައި ތިބި ދެ އަންހެން ކުދިންނަށް ވަޅިން ބިރުދެއްކުމަށް ފަހު ފިހާރައިގެ ކޭޝް ކައުންޓަރުން ފައިސާ ނަގާ މަންޒަރު ފެނެއެވެ.
ފައިސާ ނެގުމަށްފަހު އޭނާ ވަނީ އެފިހާރައިން ނުކުމެގެން ގޮސްފައެވެ. އެހެން ނަމަވެސް އެފިހާރައިން އޭނާ ފޭރިގެންފައި ވަނީ ކިހާއަދަދެއްގެ ފައިސާއެއް ކަމެއް އަދި ނޭނގެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އައްޑޫސިޓީ ފިހާރައަކަށް ވަދެ ވަޅިން ބިރުދެއްކުމަށްފަހު ފައިސާ ފޭރުނު މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.