މެލޭޝިޔާގެ ހޮސްޕިޓަލަކަށް އެއްވަގުތެއްގައި ވިހާފައި 3 ކުއްޖަކު (އެއްމާބަނޑު ދެކުދިން) ހިމެނޭގޮތަށް، ވިހެއުމަށްފަހު ނަރުހުން ގެންގުޅުމުގައި އެރި އޮޅުމެއްގެ ތެރޭގައި ވަނީ ބަދަލުވެފައެވެ. އަދި ތިންކުދިން އެކުދިންގެ އަސްލު މައިންބަފައިންނާއި ވަނީ 19 އަހަރު ފަހުން ބައްދަލުވެފައެވެ.
މެލޭޝިޔާއަށް އުފްން އެއްމާބަނޑު ދެބެއިން ކަމުގައިވާ އަދްރިޔާނީ އިވާނީ އަދި އަދްރިޔާނާ އިވާނީ ފާއިތުވީ 19 އަހަރު، ޤަބޫލުކޮށްްފައިވާގޮތުން ދެބެއިންނަކީ “ފްރެޓާނަލް ޓްވިންސް” ނުވަތަ އެއްމާބަނޑު ވިޔަސް ވައްތަރު ނޫން ދެބެއިން ކަމުގައެވެ. ނަމަވެސް ފާއިތުވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ހަދާފައިވާ ޑީ.އެން.އޭ ޓެސްޓެއްގެ ނަތީއްޖާއިން އެނގިގެން މިއީ ތެދެއް ނޫންކަން ވަނީ ހާމަވެގެން ގޮސްފައިއެވެ.
އަދްރިޔާނީ ހާމަކޮށްފައިވާ ގޮތުގައި ހަޤީޤަތް އެނގިގެން ގޮސްފައިވަނީ، ބައިވެރިވި ސަމަރ ކޭމްޕެއްގެ ސަބަބުންނެވެ. އޭނާ ބައިވެރިވި މިކޭމްޕުގައި ބައިވެރިވި ނޯރާތިރާހް ކިޔާ އެހެން ދަރިވަރަކު އޭނަޔާއި ވައްތަރު ވާހަކަ ބުންޏެވެ. އަދި މިކަން ޔަޤީންވީ ނޯރާތިރާހްގެ އިންސްޓަގްރަމް އެކައުންޓް ބަލާލުމުންނެވެ.
އަދި ސަމަރ ކޭމްޕުގެ ވާހަކަ މަންމަޔަށް ކިޔައިދިނުމުން، އެއީ އިއްތިފާގެއް ކަމަށް މަންމަ ބުންޏެވެ. ނަމަވެސް އަދްރިޔާނީ އޭނާއާއި އެއްވައްތަރު ނޯރާތިރާހް އާއި ސޯޝަލް މީޑިޔާއިން ގުޅުން ބާއްވަން ބޭނުންވިއެވެ. އަދްރިޔާނީ އާއި ނޯރާތިރާހް ފުރަތަމަ ބައްދަލުވެފައިވަނީ ސުޕަމާކެޓެއްގެ ތެރެއިންނެވެ. އެކަކު އަނެކަކަށް ފެނުން ވަރަށް ބޮޑު ސިހުމެއް ދެފަރާތަށްވެސް ލިބި ބަސްހުއްޓުނެވެ. އަމިއްލަ ސޫރަ މޫނު ބަލާ ލޯގަނޑަކުން ފެނުން ފަދަ ވިއެވެ. އެހާވެސް ދެމީހުން އެއްވައްތަރެވެ.
2020 ގައި އަދްރިޔާނީ އިންސްޓަގްރަމްގައި ޕޯސްޓްކުރި ފޮޓޯއަކުން ދެމީހުންގެ އުފަންދުވަހަކީވެސް އެއް ދުވަހެއްކަން އެނގުނެވެ.
އުފަން ތާރީޚް، އުފަންވީ ހޮސްޕިޓަލް ފަދަ ތަފާތު ކަންކަން އެއްގޮތް ވުމުން، ދެމީހުންނަށްވެސް މިއީ އިއްތިފާގަކަށް، ވެދާނެ ކަންކަން ނޫންކަމަށް ޤަބޫލުކުރެވިގެން، ޑީ.އެން.ޢޭ ޓެސްޓެއް ހެދުމަށް އެއްބަސްވިއެވެ. ދެފަރާތުގެ އާއިލާއާއި ވެސް ވާހަކަ ދެކެވި، މައިންބަފައިންގެ ސާމްޕަލްވެސް ހިމަނައިގެން 3 ކުދިންގެ ޑީ.އެން.އޭ ތަޙުލީލު ކުރެވުނެވެ. ނަތީއްޖާ ނުކުތީ ހީވެސް ނުކުރާ ގޮތަކަށެވެ. ޑީ.އެން.އޭ ތަހުލީލުން އެނގުނު ގޮތުގައި، އަދްރިޔާނީ އަދި ނޯރާތިރާހް 99 އިންސައްތަ އެއްމާޑު ދެކުދިންނެވެ. އަދި އަދްރިޔާނާ ގެމައިންބަފައިންނަކީ ނޯރާތިރާހް ބެލި ދެމަފިރިންނެވެ.

ތިން އަންހެން ކުދިން ދެފަރާތުގެ އާއިލާއާއި އެކު 19 އަހަރުފަހުން
އެއްމާބަނޑު ދެކުދިން ވިހެއި މަންމަޔަށް ޑީ.އެން.އޭ ގެ ނަތީއްޖާ ޤަބޫލުކުރަން ދަތިވިއެވެ. އަދި ޑީ.އެން.އޭ ރިޕޯޓުގެ ނަތީއްޖާ އަދްރިޔާނާ އާއި ހިއްސާކޮށް އޭނާއަކީ އެދެމަފިރިންގެ ކުއްޖެއް ނޫންކަމަށް ކަނޑައަޅަން އުދަނގޫ ވިއެވެ. އަދި އަދްރިޔާނާއަށް ކުއްލިޔަކަށް ކުރިމަތިވެދާނެ، ސައިކޮލޮޖިކަލް ގެއްލުމަކަށް ބިރުގަތެވެ.
ނަމަވެސް މިދެމަފިރިން ނިންމީ، ހަޤީޤަތް ހާމަކުރުމަށެވެ. މިގޮތުން ހަޤީޤަތް ހާމަކުރިއެވެ. އަދި އެދެމަފިރިންނަށް އެއްމާބަނޑު ދެކުދިން ލިބުނުކަމުގައި ވިޔަސް ލިބުނީ 3 ކުދިން ކަމުގައި ނިންމައި 3 ކުދިންނަށްވެސް އެއްވަރަކަށް ލޯބި ދިނުމަށް ދެމަފިރިން ނިންމިއެވެ.
ހަމަ މިބީދައިން، ނޯރާތިރާހް 19 އަހަރު ބަލައި ބޮޑުކުރި މައިންބަފައިންނަށް އޭނާއަކީ އެދެމަފިރިންގެ ކުއްޖެއް ނޫންކަމަށް ނިންމަން އުދަނގޫވިއެވެ. އަދި މިދެމަފިރިންނަށް 19 އަހަރުކުރިން އުފަންވީ، އެންމެ ކުއްޖެއް ނަމަވެސް ނޯރާތިރާހް އަދި އަދްރިޔާނާ ދެކުދިންނަކީވެސް އެދެމަފިރިންގެ ކުދިންގެ ގޮތުގައި ނިންމިއެވެ.