އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އިމްތިޔާޒް ފަހުމީ (އިންތި) ބ. ތުޅާދޫއަށް ދިއުމުން އެމަނިކުފާނަށް އެރަށުން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.
ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސައިން މި އިންތިޚާބުގައި ހުންނެވީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އާއެކީއެވެ. އެހެން ނަމަވެސް އެދާއިރާގެ ރައްޔިތުންވަނީ މިއަދު އިންތި އެދާއިރާގެ މައި ރަށް ކަމަށްވާ ތުޅާދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައި އެމަނިކުފާނަށް އެ ދާއިރާއިން އޮތް ތާއީދު ދައްކާލާފައެވެ.
އިންތިގެ ކެމްޕެއިން އަށް މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ އެހެން ރަށްތަކުންވެސް އެމަނިކުފާނަށް ގިނަ ބަޔަކު އިންތިއަށް ތާއީދުކުރާ ކަމަށް ފާހަގަކުރެވެއެވެ.
އެމްޑީޕީ ޗެއަރޕަރސަން ކަމުގެ އިންތިހާބުގައި ރައީސް ނަޝީދުގެ ތާއީދު އޮންނެވި އިމްތިޔާޒް ފަހުމީއަށެވެ. ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއަށް ރައީސް ސޯލިހު އާއި ސަރުކާރުގެ ބައެއް އިސްފަރާތްތަކުން ތާއީދުކުރައްވައެވެ.