އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާއި ދެކޮޅަށް މިއަދު ހަވީރު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށް ގެންދިޔަ “ނޭވާ ހޮޅިއަށް” މުޒާހަރާ ހުއްޓުވުމުގައި އިންޑިއާގެ ސިފައިން ބައިވެރިވި ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.
މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރެ ވިދާޅުވީ، އިދިކޮޅު އެއްވުން ހުއްޓުވުމަށް މިއަދު ފުލުހުން ހަރަކާތްތެރިވެފައިވަނީ ގައިރު ގާނޫނީ އަމުރެއްގެ ދަށުން ކަމަށާއި، މިއަދުގެ މުޒާހަރާ ހުއްޓުވުމަށް އިންޑިއާ ސިފައިން ބައިވެރިވެފައިވާ ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، މިއަދު ކުރެއްވި މުޒާހަރާއަށް މީހުން ނުކުތީ ވެރިކަން ވައްޓާލަން ނޫން ކަމަށާއި، މުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުމަކީ އިންޑިއާ ސިފައިން ތިބުމުން ކަމަށެވެ. އަދި މިއަދުގެ މުޒާހަރާއަކީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި އެއްވުމެއް ކަމަށެވެ.

އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާ ހުއްޓުވުމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހާ، މިމީހާ އަކީ ކާކު ކަން ބުނެދިނުމަށް ނޫސްވެރިޔަކު ފުލުހުންނަށް ސުވާލު ކުރުމުން ޖަވާބު ދެއްވާފައި ނުވޭ — ފޮޓޯ: ޝަފްރާޒް (ވޮއިސް އެމްވީ)
އިންޑިއާ ސިފައިން މިހާރު ވެސް މިތަނުގައި އެބައުޅޭ، ހަމަ ޓީޝާޓު ލައިގެން އައިސް އިންޑިއާ ސިފައިން ތިއްބާ، އެ މީހުން ކައިރިން ކޮމާންޑު ނަގައިގެން މި ބޭފުޅުން އަމަލު ކުރަމުން މި ގެންދަނީ، އެ މީހުން ދޭ ކޮމާންޑާ އެއްގޮތަށް އަމަލު ކުރަމުން ގެންދަނީ،” އިންޑިއާ ސިފައިން މިއަދުގެ މުޒާހަރާ ހުއްޓުވުމަށް ހަރަކާތްތެރިވި ކަމަށް ބުނެ، އަދުރޭ ވިދާޅުވިއެވެ.
އޭގެ އިތުރުން އަދުރޭ ވިދާޅުވީ، އިންޑިއާގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް ދިވެހި އެންމެހާ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ. އަދުރޭ މިހެން ވިދާޅުވެފައިވާއިރު މިއަދުގެ މުޒާހަރާ ހުއްޓުވުމަށް އިންޑިއާގެ ސިފައިންގެ މީހަކު ހަރަކާތްތެރިވާ ކަމަށް ބުނާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ.