މާލޭ ގެއެއްގެ ތެރެއިން ފުލުހުން ހޯދާފައިވާ 42 ކިލޯގެ މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވުނު ޕީއެންސީގެ ކައުންސިލް މެމްބަރ އަހުމަދު އިސްމައިލް ސަސްޕެންޑްކޮށްފިއެވެ.
މަސްތުވާ ތަކެތީގެ މައްސަލައިގައި އަހުމަދު އިސްމައިލް ހައްޔަރުކުރެވުނީ އިއްޔެގެ ވަގުތެއްގައެވެ. މިމައްސަލައިގައި ފުލުހުން ތުހުމަތުކުރާ އެންމެ އިސް ފަރާތަކީ އަހުމަދު އިސްމައިލްއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަހުމަދު ހުސެއިންގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާ ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބުމާއެކު އެ މައްސަލަ ބެލުމަށް ފަހު ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅައި އޭނާ ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަހުމަދު ހުސެއިން ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ވަކި ކުރުމާއި ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިނުގަންނެވޭ ގޮތަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.
ބަޔާނުގައި ބުނާގޮތުން ޕީއެންސީގެ އަސާސީ ގަވައިދަށް ބަލާއިރު، ޕާޓީގެ ސިޔާސަތުތަކާ ހިލާފުވެ ގާނޫނާ ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ އަސާސީ ގަވައިދުން ޕާޓީއަށް ލިބިފައިވެއެވެ. އެހެންކަމުން ކުރިންވެސް މިފަދަ ކަންކަމުގައި އަމަލު ކުރަމުން އައި ގޮތްތަކަށް ރިއާޔަތް ކުރުމަށް ފަހު އެޕާޓީން ނިންމި ނިންމުމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓްގެ އޮފީސް ކުރިމަތީގައި ހުރި ފަޅު ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ޗެކްކުރުމުން ފުލުހުންނަށް ވަނީ މަސްތުވާ ތަކެތި ފެނިފައެވެ، އެ މައްސަލައިގައި އަހުމަދު ހުސެއިން އާ އެކު އިތުރު މީހަކު ވެސް ވަނީ ހައްޔަރު ކުރެވިފައެވެ.