މާލޭގެ މަގުމަތީގައި ދުއްވަމުންދިޔަ ކާރެއްގެ މައްޗަށް ގަސް ޕޮޓްތަކެއް ވެއްޓި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މާލޭގެ އިމާރާތަކުން ވެއްޓުނު ގަސް ޕޮޓްތަކެއްގެ ސަބަބުން ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެންގޮސްފައެވެ. އަދި ކާރުގެ މަތި ވަރަށް ބޮޑަށް ބަނޑިވެފައި ހުރިތަން ވެސް އެ ފޮޓޯތަކުން ފެނިގެން ދެއެވެ.
ފުލުހުން ވިދާޅުވީ މާލޭގެ އިއްޒުއްދީން މަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގެ މައްޗަށް ގަސް ޕޮޓްތަކެއް ވަނީ ވެއްޓުނުކަމުގެ މައުލޫމާތު މިއަދު މެންދުރު 12:21 އެހާކަންހާއިރު ލިބިފައިވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުން ގެންދާ ކަމަށެވެ.
ޕޮޓުތައް ވެއްޓުމުގެ ސަބަބުން ކާރަށް ގެއްލުންވި ކަމުގައި ވިޔަސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މާލޭގެ އިމާރާތްތަކުން އަދި މަސައްކަތްކުރަމުންދާ ސައިޓްތަކުން އެއްޗެހި ވެއްޓި މަގުމަތިން ހިނގާ ބިނގާ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް ގެއްލުން ލިބުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ދާދި ފަހުންވެސް މާލޭގެ މަސައްކަތް ކުރަމުންދިޔަ ސައިޓަކުން ފިލާގަނޑެއް ވެއްޓި ސައިކަލެއްގައި ދިޔަ މީހަކަށް ވަނީ ގެއްލުންވެފައެވެ.