ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރެއްގައި އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއަށް ރާއްޖެއިން އެންމެ އިންޗެއްވެސް ދޫނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިންޑީޔާގެ ވާދަވެރި ޗައިނާއާ ގާތްގުޅުމެއް ބޭއްވި ކަމަށް ބުނެ މިސަރުކާރުން ދައްކަވަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއަށް ރާއްޖެއިން އިންޗިއެއްވެސް ނުދޭނެ ކަމަށެވެ. އަދި މީގެ ކުރިން އެއްވެސް ޤައުމަކަށް އެބާރު ދީފައި ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
މިޖަލްސާގައި ޔާމީން ފާހަނގަކުރެއްވި ގޮތުގައި މިސަރުކާރުގައި އިންޑިޔާ މިއޮތީ ރައްޔިތުންގެ ގޭގޭގެ ސިޓިންގރޫމްތަކުގައެވެ. އެހެންނަމަވެސް ޔާމީންގެ ސަރުކާރުގައި ޗައިނާ އޮތީ ޗައިނާ އޮތް ތަނުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅުން ހިންގި “ނޭވާ ހޮޅިއަށް” ހަރަކާތަށް އިންޑިޔާއިން ހުރަސްއެޅިކަމަށް ތުހުމަތު ކުރައްވަމުން ޔާމީން ވިދާޅުވީ އެހަރަކާތްތަކުގެ ސަބަބުން އުނދަގޫވަނީ މޯދީ ކޯލިޝަނަށް ކަމަށެވެ. އަދި ނޭވާ ހޮޅިޔަށް ހަރަކާތް ހުއްޓުމަށް އިންޑިޔާގެ ސިފައިން ހަރަކާތްތެރިވި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ރާއްޖޭގައި މޫހިއްޕާލައިގެން ތިބެ ހަމަނުޖެހުން ހިންގަނީ އިންޑިއާ ސިފައިން އަޑީގައި ތިބެގެން ކަމަށް ޔާމިން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މި ސަރުކާރުން އިންޑިއާއާ އެކު ހިންގާ ކަންކަމަކީ ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ނަތީޖާ ކަމަށް ބުނާ ވާހަކައަށް ޔާމީން ވަނީ ރައްދު ދެއްވައިފައެވެ. ރާއްޖޭގައި ހަތިޔާރު ގުދަނާއި، ރައީސް ޔާމީން ހެދި ފައުންޑޭޝަން މަތީގައި ތިބިކަމަށް މިސަރުކާރުން ވިދާޅުވިނަމަވެސް އެވާހަކަތައް ދޮގުކުރަމުން ޔާމީން ވިދާޅުވީ އިންޑިޔާއަކީ އެމަނިކުފާނު ހެދި ފައުންޑޭޝަނެއް ނޫންކަމަށާއި ރާއްޖޭގެ އިސްތިޤުލާލަށް އަދި ރާއްޖޭގެ ރިސޯސް ތަރައްގީކުރަން އިންޑިއާއަށް އެކަނި ބާރުވެރިކަމެއް ދީފައެއް ނޯންނާނެ ކަމަށެވެ.
އިންޑިޔާއަކީ މައްސަލަތައް ގިނަ ޤައުމެއް ކަމަށާއި އިންޑިޔާއިން އެހެން ޤައުމަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވިއެވެ.