މިސަރުކާރު ވައްޓާލަން އުޅޭ ބަޔަކު އެމްޑީޕީ ތެރޭގައި އެބައުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މަރަދޫ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލަން ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެމްބަރުން ހިމެނޭހެން އެމްޑިޕީތެރޭގައި ބަޔަކު އެބައުޅޭ ކަމަށެވެ. އަދި ރައްޔިތުން ބަނޑަށް ޖެހުނުއިރު، އެހެން ގައުމުތަކުގެ މީހުންނަށް ކުރިމަތިވި ގޮތަށް މި ގައުމު ހަދަން ދޫނުކޮށް ރައީސް ސޯލިހާއި ފައްޔާޒުގެ އިތުރުން ފިނޭންސް މިނިސްޓަރ އަމީރު ބުރަ މަސައްކަތެއް ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެންނަމަވެސް އެމްޑީޕީގެ ތެރޭގައި “ތިލަފަތުގެ ރަމްޒޭ” ކިޔައިގެން ރައްޔިތުން ބަނޑަށް ޖެހުނަސް ސަރުކާރު ވައްޓާލަން ބޭނުންވެގެން މަސައްކަތް ކުރަމުންދާ ބަޔަކު އެބަތިބި ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެހެން އެކަން ވިޔަ ނުދޭނެ ކަމަށާއި 2023 ވަނަ އަހަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ކުރިމަތިލައްވައިފިނަމަ “ޖާނާއި މާލުން” ގުރުބާން ވާނެ ކަމަށެވެ.
ޝަރީފްގެ ވާހަކަތަކުން ސަރުކާރު ވައްޓާލަން ބޭނުންވާ ފަރާތްތަށް ނިސްބަތް ކޮށްފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދުކުރާ ފަރާތްތަކަށެވެ. އެއީ އިންތިއަށް ތާއިދު ކުރާ ބޭފުޅުން ކެމްޕޭނު ކުރައްވަމުން ގެންދަނީ “ތިލަފަތުގެ ރަމްޒު” ޝިއާރުގެ ދަށުންނެވެ.