ޚަބަރު
ޓޯކިއޯ 2020 އޮލިމްޕިކްސްގައި ދިވެހި ރާއްޖޭގެ ދިދަ އުފުލާ ފަރާތް އިޢުލާން ކޮށްފި
ޖަޕާންގައި ކުރިއަށްދާ ޓޯކިއޯ 2020 އޮލިމްޕިކްސް، މާދަމާ ފެއްޓުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގައި ދިވެހިރާއްޖޭގެ ދިދަ އުފުލާ ދެ އެތްލީޓުންގެ ނަންތައް މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީން ހާމަކޮށްފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހާމަކޮށްފައިވާގޮތުގައި، މިފަޚުރުވެރި ޝަރަފު ލިބިގެންދާނީ ދިވެހިރާއްޖެ ތަމްސީލުކުރުމަށް ޖަޕާނަށް ގޮސްފައިވާ އެތުލީޓުންގެ ތެރެއިން ދެ އެތުލީޓުން ކަމުގައިވާ، ނަބާހާ އަބްދުލް ރައްޒާގު އަދި މުބާލް އައްޒާމް އިބްރާހިމްއަށެވެ.
ބައިވެރިވާ ޓީމްތަކުގެ ތެރެއިން ކޮންމެ ޓީމެއްގެ ދިދަ ނެގުމަށް ދެ އެތުލީޓަކަށް ފުރުޞަތު ލިބިގެންދާ ފުރަތަމަ އޮލިމްޕިކްސް މުބާރާތަށް، ޓޯކިޔޯ 2020 އޮލިމްޕިކްސް ވެފައި ވެއެވެ. އަދި ދިދަ ނަގާނެ އެތުލީޓުން ކަނޑައެޅުމުގައި، ވީހާވެސް ބޮޑަށް ދެޖިންސަށް ހަމަހަމަ ފުރުޞަތު ދިނުމަކީ މުބާރާތް އިންތިޒާމް ކުރާ ފަރާތުގެ އިލްތިމާސް އެކެވެ.
ޖަޕާންގެ އޮލިމްޕިކް އެތްލީޓްސް ވިލެޖްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުލް ސައްތާރު، ވަނީ މި މުބާރާތުގައި ރާއްޖޭގެ ދިދަ ނަގާނެ ދެ އެތުލީޓުން ނަން އިޢުލާންކޮށް، މިދެ އެތުލީޓުންނާއި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ހަވާލުކޮށްފައެވެ.

ފޮޓޯ: މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ

ފޮޓޯ: މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ

މިރަސްމިއްޔާތުގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިދަނެގުމަށް ހޮވުނު ދެ އެތުލީޓުންނަށް މަރުޙަބާކިޔައި، ޓީމަށް ރަނގަޅު ކާމިޔާބީއަށް ވަނީ އެދިފައެވެ. މިމުބާރާތް މާދަމާ 23 ޖުލައި 2021 ވަނަ ދުވަހު ފެށިގެން ކުރިޔަށް ދާނެއެވެ.

ޓޯކިއޯ އޮލިމްޕިކްސް އަކީ 2020 ވަނަ އަހަރަށް ތާވަލުކުރެވުނު، މުބާރާތެއް ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން އެއަހަރު މުބާރާތް ވަނީ ފަސް ކުރެވިފައެވެ. މާދަމާ މިމުބާރާތް ފެއްޓުމަށް ތައްޔާރުވެމުން އަންނައިރު، މިއީ ގިނަ އެތްލީޓުންގެ އުއްމީދުތަކާއި ގުޅިފައިވާ މުބާރާތެކެވެ.

މިމުބާރުގައި ބައިވެރިވެ ދިވެހި ރާއްޖެ ތަމްޞީލުކުރާ ޓީމަށް ވަރަށް ފަޚުރުވެރި ކާމިޔާބީ އަކަށް ހުވަދޫ ނިއުސް އިން އެދެމެވެ.

Comment