މިދިޔަ ހުކުރުދުވަހު އިދިކޮޅުން ހިންގި “ނޭވާ ހޮޅިއަށް” މުޒާހަރާގައި ހައްޔަރު ކުރުމަށްފަހު ޖަލަށް ގެންގޮސް ފުލުހުން ވަރަށް އަނިޔާވެރިގޮތަކަށް އަމަލުކޮށްފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ހައްޤުތަކޭ ކިޔައިގެން މިސަރުކާރުން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށާއި މުޒާހަރާގައި ހައްޔަރުކުރި މީހުން ހައްޔަރުކޮށް ބިޑިއަޅުވައި، ލާއިންސާނީ ގޮތްތަކަށް އަމަލުކޮށްފައިވާ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހުން ޖަލަށް ގެންގޮސް ބޭތިއްބި ގޮޅީގެ ފާނާގައިވެސް ހުރީ ކެމެރާ ހަރުކޮށްފައެވެ. ޤާނޫނު އަސާސީގައި ބަންދު ކުރެވޭ މީހާ 24 ގަޑިއިރުގެ ތެރޭގައި ގާޟީއެއްގެ ކުރިމައަށްޗަށް ގެންނަން ޖެހޭކަމަށް ބުނެފައިވާތީ 17 މީހުން ގެނެސް 8 ގަޑިއިރު ވަންދެން ގޮޑި ތަކުގައި އަތުރާފައި ބާތިއްބައި ބޮޑެތި ލާއިންސާނީ އަމަލު ހިންގާފައިވާކަމަށް ސައީދު ވަނީ ތުހުމަތުކޮށްފައެވެ.
“އަޅުގަނޑުމެން ގެންގޮސް ބައިތިއްބާފަ ހުރި ގޮޅިގެ ފާހާނައިގެ މަތީގެ މަތީގައި ކެމެރާ ހަރުކޮށްފަ. އިމްރާނު ގެނައި އިސްލާހު ފާހަނަ ތެރޭގައި މީހުންގެ އޮރިޔާން ބަލަންތޯ މި ކެމެރަ ހަރުކޮށްފައި މިހުންނަނީ. މީތޯ އެމްޑީޕީގެ އެޖެންޑާ 19 ތަފާތުވާ ގޮތަކީ. ކޮން ހިއުމަންރައިޓްއެއްތޯމީ. ގަޑިޖެހެންވާއިރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ޖެހޭނެއޭ ބުނީމާ ބަކަރި ކޮށްޓެއްކަހަލަ ތަނަކަށް ގެނެސް 8 ގަޑިއިރު ވަންދެން 17 މީހުން އަތުރާލާފައިތިބީ. މިއީ ކޯޓޯ” ސައީދު ވިދާޅުވިއެވެ.
ސައީދުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސައީދުގެ ވާހަކަތަް އަޑުއަހާފައި އެމަނިކުފާނުގެ ހިތް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ގޮޑިއެއްގައި އެހާގިނަ އިރު ބައިންދާފައި އިނުމުން މާބޮޑަށް ހިތްފަޅައިގެން ގޮސްފައިވަކަމަށް ނަޝީދު ވިދާޅުވިއެވެ.
މުޒާހަރާގައި މެމްބަރު ސައީދާއި ޣައްސާން ހައްޔަރުކުރުމަށްފަހު ކޯޓަށް ގެނައީވެސް ބިޑިއަޅުވައިގެންނެވެ. މިމައްސަލަ ބެލުމަށް މަޖިލީހަށް ހުށަހެޅި ނަމަވެސް މިމައްސަލަ ބަލައި ނުގަންނަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.