ލ.ގަމު ހޮސްޕިޓަލް ހަލާކުވެގެން ދިޔައީ އެހޮސްޕިޓަލަށް އައްޔަން ކުރެވުނު ނާޤާބިލް ބޯޑެއްގެ ސަބަބުން ކަމަށް ސަރުކާރު ހިންގާ އެމްޑީޕީ އަށް ނިސްބަތްވާ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ލ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް އެހެން އަތޮޅުތަކުގެ ގިނަ ޢަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން ގެންދާ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ގޯސްވަމުން ދާތީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން ސިރާޖް ވިދާޅުވީ ލ.ގަމުގެ ހާލަތު މިހާރު ވަރަށް ދަށް ކަމަށާއި އެމްޑީޕީގެ މެންބަރުންތަކެއް މިމައްސަލަ ބަލައި ނުގަންނަން ރަތަށް ފިތުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ހޮސްޕިޓަލުން އެކްސްރޭއެއް ނުނެގޭތާ ތިން މަސް ދުވަސް ވެއްޖެއެވެ. އަދި ދަތުގެ ފަރުވާއަށް ނުލިބޭތާ އަހަރެއް ވެއްޖެ ކަމަށާއި ސްކޭން ނުކުރެވޭތާ ހަމަސް ވަނީ ވެފައެވެ.
އެހޮސްޕިޓަލުގެ ހާލަތު ގޯސްވާން ޖެހުނީ މިސަރުކާރުން ގާތް ބަޔަކަށް ވަޒީފާ ދިނުމަށްޓަކައި ހޮސްޕިޓަލުގެ ބޯޑަށް ނާޤާބިލް ބަޔަކު އައްޔަން ކުރުމުން ކަމަށް ބުނެ ސިރާޖު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
ސަރުކާރުން އެކުލަވާލާފައިވާ ބޯޑުން އެއްވެސް ހިންގުންތެރިކަމެއް ނެތުމުގެ ސަބަބުން ހޮސްޕިޓަލުގެ ހާލަތު ގޯހުން ގޯހަށް ދިޔައީ ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު އިތުރަށް ވިދާޅުވީ ގަމު ހޮސްޕިޓަލަކީ މީގެ ކުރިން 600 މީހުން ދުވާލެއްގެ މައްޗަށް ޚިދުމަތް ހޯދަމުން އައި ތަނެއް ކަމަށާއި އެހެންނަމަވެސް ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން މިހާރު ދުވާލަކަށް 100 މީހުންވެސް އެހޮސްޕިޓަލަށް ދަށްކަން ނުދާ ކަމަށެވެ.
ސިރާޖު ވިދާޅުވީ އުއްމީދަކީ ރަނގަޅު ހިދުމަތްތަކެއް ގަމު ރީޖަނަލް ހޮސްޕިޓަލުން ލިބުން ކަމަށާއި ނަމަވެސް މިހާރު އެކުލަވާލާފައިވާ ބޯޑު އޮވެގެން އަދި އެކަން ނުވާ ކަމަށެވެ.