މިސަރުކާރު ވެއްޓޭތަން މިހާރު ފެންނަމުން ދާ ކަމަށާއި މިވެރިކަން ވައްޓާލުމުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި މިސަރުކާރަކީ ޖާނާއި މާލުން ޤުރުބާންވެގެން ހޯދާފައިވާ ވެރިކަމެކެވެ. އެހެންކަމުން މިވެރިކަން ސަލާމަތް ކުރުމަށް ޔާމީން ކުޑަގޮޅިޔަށް ލާންޖެހެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު، އިސްމާއިލް އަހުމަދު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން މެންބަރު ޖާބިރު ވިދާޅުވީ މިސަރުކާރު ވެއްޓޭތަން މިހާރު ފެންނަމުންދާ ކަމަށާއި ރައީސް ޔާމީން މިހާރުން މިހާރަށް ހައްޔަރުކުރަން ޖެހޭ ކަމަށެވެ.
“އަޅުގަނޑު އަލުން އަނބުރާ ދަންނަވާލަން ބޭނުން އަޅުގަނޑު ސަކަރާތެއް ނުޖަހަމޭ. މުޅި މުދާ ގުރުބާން ކޮށްފައޭ މި ސަރުކާރު ގެނައީ. މިއަދު ސަރުކާރު ވެއްޓޭ ތަން ފެނެއޭ. ހަމަ މިހާރުން މިހާރަށް ރައީސް ޔާމިން ގޮޅިއަށް ލާށޭ. ރަމަޟާން މަސް އައުމުގެ ކުރީގައި ޝައިތާނުން ގޮޅިއަށް ލާން ޖެހޭނެ ވާހަކަ މީ އަޅުގަނޑު އަލަށް ދެއްކި ވާހަކައެއް ނޫން” ޖާބިރު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ސަބަބުން މަސްލަހަތު ގޯސްވެފައިވާ މިރާއްޖެ ހަމަމަގަށް އަޅުވަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވަނީ ރާއްޖެ ޝައިތާނެއްގެ އަތްމައްޗަށް ދޫކޮށްލާކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.
މީގެއިތުރުން ކުންފުނި އުސޫލުން އުފައްދައިގެން އުޅޭ ރާއްޖޭގެ ޑިމޮކްރަސީގައި ބިނާކުރި ރިވެތި އަޚްލާގު ގެއްލި ހިނގައިދާ ގޮތަށް ކަންތައްތައް ވެގެން ނުވާނެ ކަމަށެވެ.
ރައީސް ޔާމީން ޖަލުގެ ކުޑަގޮޅިއަށް ލުމަށް ޖާބިރު ގޮވާލާއިރު މީގެ ކުރިން ޔާމީން ޖަލުގައި ހުންނެވިއިރު ޖާބިރުވަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި ރައީސްކަން ކުރައްވާފައިވާ ފަރާތްތަކާއި ކުރީގެ ރައީސުން ޖަލަށްލާ ސަގާފަތް ނައްތާލަން ޖެހޭ ކަމަށް އޭނާ ވަނީ މީގެ ކުރިން ގޮވާލާފައެވެ.
ޖާބިރު ގޮވަނީ ހުސްކޮސް ކުޑައިރު އަދަގޮޑިޖެހީ ތޮއާފު ކުރަން ހުއްޓާތޯ