ފެންޑާ
ބައިވެރިޔާ ގުގުރި ދަމާނަމަ، އެކަން ހުއްޓުވާނެ ގޮތް

ގުގުރި ދެމުމަކީ މުޅި ދުނިޔޭގައިވެސް ގިނަ ބަޔަކަށް ކުރިމަތިވާ އަދި އެކަމެއްގެ ސަބަބުން އެމީހާއާއި ކައިރީގައި ނިދާފައި އޮންނަ އެހެން މީހުންނަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވާކަމެކެވެ. މިކަން ހުއްޓުވުމަށް އެކި ކަހަލަ ނޭސަލް ސްޕްރޭ ފަދަ ތަކެތި ހުރިނަމަވެސް މިކަން ހުއްޓުވޭނެ ފަސޭހަ އަދި އާދައިގެ ބައެއް އެހެން ގޮތްތަށްވެސް އެބަ ހުއްޓެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ގުގުރި ދެމުން ހުއްޓާނެ އެންމެ ފަސޭހަ އެއް ގޮތަކީ މީހާ ނިދަން އޮންނަ ގޮތް ބަދަލުކުރުމެވެ. އުއްޑުން އޮންނައިރު ދޫ މީހާގެ އަނގަތެރޭގައި އޮންނަ ގޮތެއްގެ ސަބަބުން ގުގުރިދެމެން މެދުވެރިވާއިރު އަރިޔަކަށް އޮތުމުން މިކަން މިގޮތަށް މެދުވެރިއެއް ނުވާނެއެވެ. ގުގުރި ދެމުމާއި މީހާގެ ބަރުދަނާއިވެސް ގުޅުން ހުންނަކަމަށް ބައެއް ދިރާސާތަކުން ދައްކުވައިދޭއިރު މީހާގެ ކަރު ފަލަވާވަރަކަށް ކަރުގެ އިންޓާރނަލް ޑައިމީޓާރ އިތުރުވުމުންވެސް ގުގުރިދެމެން މެދުވެރިވެއެވެ.

ރަނގަޅަށް ގަޑިޔަށް ނިދަން ފަރުވާބެހެއްޓުމަކީވެސް ގުގުރިދެމުން ހުއްޓުވޭނެ ގޮތެކެވެ. މިގޮތުން މީހާ ދުވާލުގެ ބުރަކަން މަތީގައި އުޅުމަށްފަހު އައިސް ވަރުބަލިކަން މަތީ ކުޑަ ވަގުތުކޮޅަކަށް ނިދުމުން މީހާގެ ކަރުގެ މަސްތައް ލޫސްވުމުގެ ސަބަބުންވެސް ގުގުރިދެމެން މެދުވެރިއެވެ. ނިދަން ބޭނުންކުރެވޭ ބާލީހެއްގެ ސަބަބުންވެސް މީހާ ގުގުރިދެމެން މެދުވެރިކުރުވާކަން ދަންނަންތޯ؟ މިގޮތުން ބައެއް ބާލީސްތަކުން މީހާގެ އެލާރޖީތައް ޓްރިގާރ ކުރުވާއިރު ނިދާ ކޮޓަރީގައި ވާ އެހެން އެއްޗަކުންވެސް މީހާގެ އެލާރޖީތަކަށް އަސަރުކުރުވައި ގުގުރި ދެމެން މެދުވެރިކުރުވައެވެ.

މިގޮތުން ރަނގަޅަށް ސާފުނުކުރެވި ހުންނަ ފަންކާ ނުވަތަ ކަބަޑު ފަދަ ތަކެއްޗަކީ މީހާގެ އެލާރޖީތަކަށް އަސަރުކުރުވާ ކަންކަމެވެ. މިއީ ގުގުރި ދެމުން ފަސޭހައިން ހުއްޓުމަށް ކޮންމެ މީހަކަށްވެސް ކުރެވިދާނެ ވަރަށް އާދައިގެ ބައެއް ކަންކަމެވެ. މިކަންކަމުންވެސް ރަނގަޅު ނުވެއްޖެނަމަ ޑޮކްޓަރެއްގެ ލަފާހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.