1443 ވަނަ އަހަރުގެ ފިތުރު ޒަކާތް މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ބަލައިގަންނަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެހެން ނަމަވެސް ބަންޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން 13:00އާއި ހަމައަށެވެ. މާލެ ސިޓީ ފިޔަވާ ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުުރުން އުމުރުން ދުވަސްވީ މީހުންނާއި، އޮންލައިންކޮށް އެ ފައިސާ ދައްކަން ބޭނުން ނުވާ މީހުންނަށް އާދީއްތަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލްގައި އެކަން ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ފިތުރު ޒަކާތުގެ ފައިސާ ދެއްކުމުގައި ފަސޭހަކަމާއެކު އޮންލައިންކޮށް ޒަކާތްދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ބެންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިރާގު، އުރީދޫ އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އަދި މިއަހަރު ގެނެވުނު ބަދަލުތަކާއިއެކު އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ބޭނުންވާ ރަށަކަށް ފައިސާ ޖަމާކުރެވޭނެގޮތަށް ވަނީ ހަމަޖެހިފައެވެ.