ކައިވެންޏަކީ އަބަދުވެސް ވަރަށް ވަރުގަދަ އިތުބާރެއްގެ މަތީގައި ކުރެވެންޖެހޭ އެއްޗެއްކަމުގައިވާއިރު މިޒަމާނަކީ ގިނަ ފަހަރަށް މިފަދަ އިތުބާރެއް ނެތި ގިނަ ބަޔަކު ކައިވެނިކުރާ ޒަމާނެކެވެ. އަޅުގަނޑުމެންގެ މި ދިވެހި ރާއްޖޭގެ ވަރީގެ އަދަދުތަކަށް ބަލާލުމުންވެސް މިދެންނެވި ވާހަކަތަކުގެ ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮތްކަން ވަރަށް ސާފުކޮށް އެނގިގެންދާނެއެވެ.
ކައިވެންޏެއްގައި އެކަކު އަނެކަކަށް ޝައްކުކުރުމަކީ އެހާމެ ނުރައްކާ ކަމެއްކަމުގައިވީނަމަވެސް ބައެއް ފަހަރު އަނބިމީހާ ނުވަތަ ފިރިމީހާގެ ފަރާތުން ފެންނަ ބައެއް ކުދި ކުދި ނިޝާންތަކަށް ސަމާލުވުމަކީ ބުއްދިވެރި ކަމެކެވެ. ސަބަބަކީ މިފަދަ ނިޝާންތަކަކީ އެމީހަކު ކައިވެންޏަށް ބޭވަފާތެރިވާކަމުގެ ނިޝާންތަކަކަށް ވުން ގިނަފަހަރަށް އޮންނަނީ ގާތްކަމަކަށް ވެފައެވެ.
މިގޮތުން ސަމާލުވާންޖެހޭ އެންމެ ފުރަތަމަކަމަކީ މިޒަމާނުގެ މޯބައިލްފޯނާއި ގުޅުންހުރިކަމެކެވެ. އެއީ އެމީހަކު ކުރާ ފޯނުކޯލުތަކާއި މެސެޖުތަކަށެވެ. މި މެސެޖުތަށް ނުވަތަ ފޯން ކޯލްތަށް ނިމުމުން ނުވަތަ ބައެއްފަހަރު ގެއަށް ވަންނަމުން ފޯނުން ޑިލީޓްކޮށް ހަދާނަމަ އެއީ ކަމެއް ފޮރުވަން އުޅޭކަމުގެ ނިޝާނަކަށްވުން އެކަށީގެންވެއެވެ. އަދި ފޯނު ކޯލުތަކަށް ނުވަތަ މެސެޖުތަކަށް ޖަވާބުދާރީވާން އެކަހެރިވުމަކީވެސް ސަމާލުވާންޖެހޭ ކަމެކެވެ.
ސޯޝަލް މީޑިޔާގައި މާ އެކްޓިވްވުމަކީވެސް ސަމާލުވާންޖެހޭ ކަމެކެވެ. އަދި އިތުރު އެކައުންޓްތަކެއް ގެންގުޅުމަކީވެސް އެކަމަކާއި ބެހޭގޮތުން ކުރީބައިގާ ސުވާލުކުރުން ރަނގަޅުކަމެކެވެ. އާއިލީ ކަންކަމަށް އެހާ އިސްކަން ނުދީ އާއިލާއާއި އެކު ވަގުތު ހޭދަނުކުރުމަކީވެސް އެމީހަކާއިއެކު އެކަމާއި ބެހޭގޮތުން ވާހަކަދައްކައި ސަބަބު އޮޅުންފިލުވުން ވަރަށް މުހިންމު ކަމެކެވެ. އަދި ފަސޭހައިން ރުޅި އައިސް ކަންކަމާއި ޒުވާބުކުރުމަކީވެސް ކައިވެނި ދެމެހެއްޓުމަށް އެމީހަކު އެހާ މަސައްކަތްކުރަން ބޭނުންނުވާކަމުގެ ނިޝާނެކެވެ.
ކައިވެނި ދަމަހައްޓަން ބޭނުންވާ އަދި ލޯބިވާ މީހަކު ނަމަ އަބަދުވެސް ބަލާނީ ކަންކަން ވާހަކަދައްކައިގެން ރަނގަޅުގޮތުގައި ހައްލުކުރެވޭތޯއެވެ.
މިފަދަ ކަންކަމަށް ސަމާލުވެ ބެލުމަކީ މިއީ އެއްވެސް ހާލަތެއްގައި ދެމީހަކު ވަކިވާންޖެހޭ ސަބަބުތަކެއް ނޫނެވެ. ސަބަބަކީ ކޮންމެ ކަމަކީވެސް ވާހަކަދައްކައިގެން ހައްލުކުރެވޭނޭ ވަރުގެ ކަންކަމަށް ވާތީއެވެ. ކައިވެންޏަކީ ވަރަށް މާތް ގުޅުމެއްކަމުގައިވާއިރު މި ގުޅުން ދެމެހެއްޓުމަކީ އެކަމަށް ވަރަށް ބުރަ މަސައްކަތްތަކެއްވެސް ބޭނުންވާ ކަމެކެވެ.
ނަސޭހަތްތެރިވެ ދެ ފަރާތުގެ ވާހަކަތަކާއި ހިތްހަމަނުޖެހޭ ކަންކަން އެކަކު އަނެކަކަށް ކިޔައިދީ އަޑުއަހައި އެކަންކަން އިސްލާހުކުރުމަކީ އެންމެ ރަނގަޅުގޮތެވެ.