ރަމަޟާން މަހު ހިޔާ ފްލެޓްގެ ކުލި ނަގަން ފެށުމަކީ ރައްޔިތުންނަށް ކުރިމަތިވެގެންދާނެ ބޮޑު ތަކްލީފެއް ކަމަށާއި, އެނިންމުން ބަދަލުކޮށް ކުލި ނަގަން ފަށަންޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް, މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ, އެންމެ ޚަރަދު ބޮޑުވާ މަހު ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައް ހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކްލީފެއް ކުރިމަތިވެގެންދާނެ ކަމެއް ކަމަށާއި, އެނިންމުން ބަދަލުކޮށް ކުލި ދައްކަންޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވައިވާއިރު, ހިޔާފްލެޓްތަކުން ކުލިނެގުން އިއްޔެއިން ފެށިގެން ވަނީ ފަށާފައެވެ. ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނަގަން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަށާފައިމިވަނީ 7 މަސްދުވަސް ވަންދެން ކުލި ދެއްކުން ފަސްކޮށްދިނުމަށްފަހުގައެވެ.
ހިޔާފްލެޓްތައް ލިބުނު ފަރާތްތަކުން ކުލި ދެއްކުން އެންމެ ފުރަތަމަ ސަރުކާރުން ނިންމާފައި އޮތީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ނަގާ ގޮތަށެވެ. ނަމަވެސް ގިނަ ބައެއްގެ ފްލެޓްތަކުގެ ފިނިޝިން ނުނިމޭތީ އެކަމާއި އާންމުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން މިދިޔަ މަހާއި ހަމައަށް ކުލި ނުނަގާގޮތަށް ވަނީ ނިންމާފައެވެ.
ހިޔާ ފްލެޓްގެ ކުއްޔެއްގެ ގޮތުގައި މަހަކު 7500ރ ނެގުމަށް ހަމަޖެހިފައިވާއިރު, މެއިންޓެނެންސް ފީގެ ގޮތުގައި އިތުރު 1000 ރ ދައްކަން ޖެހެއެވެ.