ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކުރެވުނު ކަމަށާއި ހައްޔަރު ކުރެވުނު ދެމީހުންނަކީ ދެ ބިދޭސީން ކަމަށެވެ. މިމައްސަލައިގައި ހައްޔަރު ކުރެވުނީ އަހުމަދު އަލީ(32) ނަމަކަށް ކިޔާ ޕާކިސްތާނުގެ ފިރިހެނަކާއި ހަމަ އެ ގައުމުގެ މޮއިމިނާ ގުލްފާމް 20އ. ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުން މިދެމީހުން ހައްޔަރުކުރެވުނު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެ މީހުން ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރުމުން އެ ދަބަހުންނާއި އެމީހުންގެ ހަށިގަނޑު ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާނެކަމަށެވެ.