ސްރީލަންކާގެ ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވަން ނިންމަވައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މިހާރު އެގައުމުގައި ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން ބާއްވަމުންދާ ކެބިނެޓް ބައްދަލުވުމުގައި އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ފިޔަވައި ކެބިނެޓްގެ ހުރިހާ ވަޒީރުން ވަނީ އިސްތިއުފާދެެއްވަން ނިންމަވާފައެވެ.
ސްރީލަންކާގެ މަޖިލީހުގެ މެމްބަރު ދިނޭޝް ގުނަވަރުދަނާ ވިދާޅުވި ގޮތުގައި, ކެބިނެޓްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވަން ނިންމަވައި އިސްތިއުފާގެ ސިޓީގައި ހުށަހަޅަފައި ވީ ނަމަވެސް ބޮޑުވަޒީރު މަގާމުގައި ހުންނަވާނެ ކަމަށެވެ.
މިހާރު ކުރިއަށްދާ ކެބިނެޓް ބައްދަލުވުމުގައި, މީގެ ކުޑައިރުކޮޅެއްގެ ކުރިން އެގައުމުގެ ބޮޑުވަޒީރުގެ ދަރިކަލުން އަދި އެގައުމުގެ ސްޕޯޓްސް މިނިސްޓަރ ނަމާލް ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ވަނީ އަންގަވާފައެވެ.
ލަންކާގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ އިތުރުން ކާފިއު ހިންގަން ވަނީ ފަށާފައެވެ. އެހެން ނަމަވެސް މިހާރުވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާކުރަމުން ގެންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.